އިންޑިޔާގެ ވެރިރަށް ދިއްލީގައި ރޮހިންޖާ ދަރިކޮޅުގެ މީހުން އުޅެމުންދާ ރެފިއުޖީ ކޭމްޕެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެ ދަންވަރު، 3:30 ހާއިރުއެވެ.

ނޫސްތަކުން ބުނާ ގޮތުގައި އަލިފާނުގެ ހާދިސާގެ ސަބަބުން، ދަށް ފެންވަރަށް ހަދާފައިވާ ކޭމްޕުވަނީ އެއްކޮށް ހަލާކުވެފައެވެ. ހަމައެހެންމެ، އެތަނުގައި ދިރިއުޅެމުންދިޔަ މީހުންގެ އަމިއްލަ ތަކެތިވެސް ހަލާކުވެފައިވާކަމަށް ބުނެފައިވެއެވެ. އެގޮތުން، އެތަނުގައި އުޅުނު މީހުންގެ ހުރިހާ އަންނައުނެއް ހަލާކުވުމުން، އުނުއޮރިޔާން ނިވާ ކުރާނެ ގޮތެއް ނެތިފައި ތިބިކަމަށްވެސް، މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ނޫސްތަކުން ބުނެއެވެ.

މިކަމާ ގުޅިގެން ދިއްލީގެ ފަޔަރ ޑިޕާޓްމަންޓުގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ ހާދިސާ ހިނގި ސަރަޙައްދަށް އަލިފާން ނިއްވާ 11 އުޅަނދު ފޮނުވާފައިވާއިރު، އަލިފާންގަނޑު މުޅިން ކޮންޓްރޯލުކުރުމަށް ތިން ގަޑިއިރު ހޭދަވިކަމަށެވެ.

މި އަލިފާން ރޯވީ ސީދާ ކޮން ސަބަބަކާ ގުޅިގެންކަމަށް، އަލިފާން ނިއްވާ ފަރާތްތަކުންނާއި ފުލުހުންވެސް ހާމަކޮށްފައިނުވާއިރު، އެފަރާތްތަކުން ގަބޫލުކުރަނީ މިއީ ކަރަންޓް ސޯޓް ސާކެޓެއްގެ ސަބަބުން ހިނގި ކަމެއްކަމަށެވެ.

އެހެންނަމަވެސް، ރެފިއުޖީންނާއި އެމީހުންނާއެކު މަސައްކަތް ކުރަމުންދާ އެންޖީއޯ ތަކާއި އެކްޓިވިސްޓުން ގަބޫލުކުރާ ގޮތުގައި މިއީ ދުރާލާ ރޭވިގެން ދީފައިވާ ހަމަލާއެކެވެ. އަދި، މިއީ ފާއިތުވި ހަ އަހަރުގެ ތެރޭގައި މި ރެފިއުޖީ ކޭމްޕުގައި ހިނގި ހަތަރުވަނަ އަލިފާނުގެ ހާދިސާކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މި ތަނުގައި 100 އަންހެނުންނާއި 50 ކުޑަކުދިންވެސް އުޅޭކަމަށް ލަފާކުރާއިރު، ރެފިއުޖީ ކޭމްޕުގައި އުޅުނު ހުރިހާ ރޮހިންޖާ ދަރިކޮޅުގެ މީހުންވަނީ އިތުރު ވަގުތީ ހިޔާތަކަކަށް ބަދަލުކޮށްފައެވެ.

ރޮހިންޖާ އިންގެ އަސްލު ވަޒަންކަމުގައިވާ މިޔަންމާގެ ރަކީން ސްޓޭޓުގައި ހުންނަ އެފަރާތްތަކުގެ ގެތަކުގައިވެސް މިޔަންމާގެ އަނިޔާވެރި ސިފައިންނާއި ބުޑިސްޓުން އަލިފާން ޖަހާފައިވެއެވެ.