އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓަށް ހުށަހަޅާފައިވާ މައްސަލަ ޓްރަމްޕް އާއި ދެކޮޅަށް ނިންމާ، އޭނާ މަގާމުން ދުރުކުރަން އެމެރިކާ ރައްޔިތުންގެ 51 އިންސައްތަ މީހުން ބޭނުންވާ ކަމަށް ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފިއެވެ.

މި ޚިޔާލު ހޯދުމުގެ ވޯޓް ނަގާފައި ވަނީ މިފަދަ ޚިޔާލު ހޯދުމުގެ ވޯޓްތަކާއި ތަފާތު ސާވޭތައް ކުރާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ "އެސްއެސްއާރްއެސް" އިންނެވެ.

ސާވޭގެ ނަތީޖާ އާއި ހަވާލާދީ "ސީއެންއެން" އިން ބުނާ ގޮތުގައި ޚިޔާލު ހޯދުމުގެ ވޯޓްގައި ބައިވެރިވި މީހުންގެ ތެރެއިން ޓްރަމްޕް މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓް ދީފައި ވަނީ 45 އިންސައްތަ މީހުންނެވެ. ބާކީ ހަތަރު އިންސައްތަ މީހުންނަކީ އެއްވެސް ކޮޅަކަށް ވޯޓް ނުދޭ މީހުންނެވެ.

ނަމަވެސް 69 އިންސައްތަ މީހުން ބވުނެފައި ވަނީ ސެނެޓްގައި ޓްރަމްޕްގެ ޝަރީޢަތް ކުރިއަށް ގެންދާއިރު ކޮންގްރެސްއަށް ހާޒިރު ކުރި ހެކިވެރިންގެ އިތުރުން، އިތުރު ހެކިވެރިން ހާޒިރުކޮށް ސުވާލު ކުރަން ޖެހޭނެ ކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި ޓްރަމްޕް އާއި ދެކޮޅު މީހުން ގިނައީ ފިރިހެނުންނަށްވުރެ އަންހެނުންގެ ތެރޭގައެވެ.ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަ ކަމަށް 42 އިންސައްތަ ފިރިހެނުން ބުނާއިރު 59 އިންސައްތަ އަންހެނުން ވަނީ ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަ ކަމަށް ބުނެފައެވެ. ކަޅު ނަސްލުގެ މީހުންގެ ތެރެއިން 86 އިންސައްތަ މީހުން ވަނީ ޓްރަމްޕް މަގާމުން ދުރުކުރަން ފެންނަ ކަމަށް ބުނެފައެވެ.

ޓްރަމްޕް މަގާމުން ދުރުކުރުމާއި މެދު ގޮތެއް ނިންމުމުގެ ޝަރީޢަތުގެ މަރުހަލާތައް ސެނެޓްގައި މިހާރު ފަށާފައި ވީނަމަވެސް ޓްރަމްޕް އާއި ދެކޮޅަށް މި މައްސަލަ ނިމިދާނެ ކަމަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ. ސަބަބަކީ ސެނެޓްގައި ޓްރަމްޕް ރިޕަބްލިކަން ޕާޓީއަށް ސާފު އަޣުލަބިއްޔަތެއް ލިބިފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫސް

    ބަލަ މެޖޯރިޓީ ވޯޓްދިނީ ހިލަރީއަށޭ ތި ބޭއައް ރައްޔިތުން އޭރުވެސް ބުނީ ނޫނެކޭ މާމޮޅު ޑިމޮކްރަސީއެއްވީމާ

    13
    1