އިރާޤުގެ ވެރިރަށް ބަޣުދާދުގެ ގްރީން ޒޯނަށް ރޮކެޓް ހަމަލާތަކެއް ދީފިއެވެ. އެމެރިކާގެ އެމްބަސީ އާއި ބައެއް އެހެން ޑިޕްލޮމެޓިކް އޮފީސްތައް ވެސް ބަޣުދާދުގެ ގްރީން ޒޯންގައި ހުރެއެވެ.

ރޮކެޓް ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާ އެމްބަސީގެ ވަރަށް ކައިރިން ދެ ގޮވުމެއްގެ އަޑު ރޭ އިވިފައި ވެއެވެ. ދެ ރޮކެޓް ހަމަލާ އެމެރިކާ އެމްބަސީ އާއި ވަރަށް ކައިރިއަށް އަމާޒުވިއިރު ތިން ވަނަ ރޮކެޓް ހަމަލާ އަމާޒުވެފައި ވަނީ ގްރީން ޒޯންގައި ހުރި އެހެން އިމާރާތެއް ކައިރިއަށެވެ.

ރޮކެޓް ހަމަލާތައް ރޭ އަމާޒުވާން ފެށުމުން ރައްކާތެރިވުމަށް އެންގުމުގެ ގޮތުން އެމެރިކާ އެމްބަސީ އިން ވެސް ވަނީ ސައިރަން އަޅާފައެވެ.

މިއީ މިމަހުގެ ކުރީކޮޅު އެމެރިކާ އިން ދިން ހަމަލާއެއްގައި އީރާންގެ އިސް ޖެނެރަލެއް ކަމަށްވާ ޣައްސާމް ސުލައިމާނީ އަވަހާރަކޮށްލި ފަހުން ބަޣުދާދުގެ ގްރީން ޒޯނަށް އަމާޒުވަމުންދާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ. ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ އިރާޤުގައި ހަރަކާތްތެރިވާ އީރާނަށް ވަފާތެރި ޝީޢީ ހަނގުރާމަވެރިންގެ ހަމަލާއެކެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިރާޤުގައި ހުންނަ ތާޖީ އަސްކަރީ މަރުކަޒަށް ވެސް ރޮކެޓް ހަމަލާއެއް ދީފައި ވެއެވެ. އެ ހަމަލާގައި އިރާޤު ސިފައިންގެ މީހަކު ޒަހަމް ވިއެވެ. އަދި އޭގެ ކުރިން އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ އަލް ބަލަދް އެއާ ބޭސް އަށް ވެސް ރޮކެޓް ހަމަލާތަކެއް ދީފައި ވެއެވެ. އެ ހަމަލާތަކުގައި އިރާޤު ސިފައިންގެ ހަތަރު މީހަކު ޒަހަމްވެފައި ވެއެވެ.