ޗައިނާގައި ހަލުވި ކަމާއި އެކު ކޮރޮނާ ވައިރަސް އެއް ފެތުރެމުން ގެންދާއިރު، މި ވައިރަސް އެ ގައުމުގައި މި ފެތުރެނީ އެންމެ ނުބައި ދުވަސްރާއި ދިމާކޮށްފައެވެ.

މި މަހުގެ 25 ވަނަ ދުވަހަކީ ޗައިނާގެ ރައްޔިތުން އެމީހުންގެ އައު އަހަރު (ލޫނާ ނިއު އިޔާ) ފާހަގަ ކުރާ ދުވަހެވެ. މި ދުވަހާއި ދިމާކޮށް އެ ގައުމުގެ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ ހޭދަ ކުރުމަށް ފުރާނެއެވެ. އެހެންކަމުން ކޮރޮނާ ވައިރަސް އެހެން ގައުމުތަކަށްވެސް ފެތުރިދާނެކަމުގެ ބިރު މިވަނީ ބޮޑު ވެފައެވެ.

މިދިޔަ އަހަރުވެސް މި ދުވަސްވަރާއި ދިމާކޮށް 7 މިލިއަނަށް ވުރެން ގިނަ މީހުން ޗުއްޓީ އަށް ގައުމުން ބޭރަށް ގޮސްފައި ވާއިރު، މި އަހަރު އެ އަދަދު އިތުރުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗައިނާ އިން އަދި މި ކޮރޮނާވައިރަސް އަށް ފަރުވާ އެއްވެސް ހޯދިފައި ނުވާއިރު، މި ބަލީގެ ޝިކާރަ އަކަށްވެ، އެ ގައުމުން ވަނީ މިހައިތަނަށް 6 މީހަކު މަރުވެ، އެތައް ސަތޭކަ ބަޔަކަށް ވައިރަސް އަރާފައެވެ.

ޗައިނާގެ 3 ސަރަހައްދަކަށް މި ވައިރަސް މިހާރު ފެތުރިފައި ވާއިރު، އެ ގައުމަށް ޒިޔާރަތް ކުރި ޖަޕާން، ދެކުނު ކޮރެއާ އަދި ތައިލޭންޑުގެ ފަތުރުވެރިން ތަކަކަށްވެސް ވަނީ މި ވައިރަސް ޖެހިފައެވެ.

2003 ވަނަ އަހަރު ދުނިޔެ އަށް ފެތުރުނު ކޮރޮނާވައިރެސް އެއް ކަމުގައިވާ ސެވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (އެސްއޭއާރްއެސް) ގެ ސަބަބުން ވަނީ 8000 މީހަކަށް އެ ވައިރަސް ޖެހި، 700 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ. މިހާރު ޗައިނާގައި ފެތުރެމުން ދަނީވެސް އެޒާތުގެ ވައިރެސް އެއްކަން ސައިންސްވެރިންނަށް މިހާރު ވަނީ ކަށަވަރު ކުރެވިފައެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުމާއި އެކު ކެއްސުމުގެ އިތުރުން ނޭވާލާން އުނދަގޫވުމާއި ފުއްޕާމެއަށް އުނދަގޫތައް ކުރިމަތިވުން ހިމެނެއެވެ. ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިންވެސް ވަނީ މި ބައްޔަށް ސަމާލުވުމަށް އަންގާފައެވެ.