ކޮރޮނާވައިރަސް އަކީ އެ ވައިރަހެއްގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންނަށް އެކި ކަހަލަ ބަލިތައް ފަތުރާ ވައިރަސްތަކަށް ދެވިފައިވާ ނަމެކެވެ. ސައިންސްވެރިން މި ވައިރަސް އަށް "ޒޫޓޮނިކް" ވެސް ކިޔައި އުޅެއެވެ. އެއީ މިފަދަ ވައިރަސްތައް އިންސާނުންނަށް އަރަނީ ޖަނަވާރުންގެ ކިބައިން ކަމުގައި ވާތީއެވެ. ދާދި ފަހުން ޗައިނާ އިން ފެނުނު ވައިރަސް އަކީ މިފަދަ ގޮތަކަށް ސައިންސްވެރިންނަށް ފެނުނު 7ވަނަ ކޮރޮނާވައިރެސް އެވެ.

މިހައިތަނަށް ކުރި ތަހުލީލުތަކުން މި ވައިރަސް އިންސާނުންނަށް ޖެހެން ފަށާފައި ވަނީ ޖަނަވާރުންތަކެއްގެ ކިބައިންކަން ކަށަވަރު ކުރެވިފައި ވާއިރު، ރިޕޯޓުތައް ބުނާގޮތުން މި ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ ބޮޑު މަސް މާރުކޭޓެއްގެ ތެރޭގައި މަސައްކަތް ކުރާ ބައެއްގެ ހަށިގަނޑުންނެވެ. އަދި މިއީ ގައިން ގަޔަށް އަރާ ވައިރަސް އަކަށް ވުމާއި، އޭރު ޑޮކްޓަރުންނަށްވެސް މި ވައިރަސް އެނގިފައި ނުވުމުގެ ސަބަބުން ހޮސްޕިޓަލުގެ ބައެއް މުވައްޒަފުންނަށްވެސް މި ވައިރަސް ވަނީ ޖެހިފައެވެ.

މިހާރު ފެތުރެމުންދާ ވައިރަސް އިންސާނެއްގެ ގަޔަށް އަރައިފިނަމަ ނިއުމޯނިއާ ޖެހުމުގެ ފުރުސަތު ވަރަށް ބޮޑުވެގެންދެއެވެ. އެއަށް ފަހު ނިއުމޯނިއާ ބައްޔަށް ފަރުވާ ކުރަން ނަގާ އެންޓިބަޔޮޓިކް ބޭސްތަކުން އެއްވެސް އަސަރެއް ނުކުރާނެއެވެ. ދީފާއީ ނިޒާމް ބަލިކަށި މީހުންނާއި ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް ވައިރަސް އަރައިފިނަމަ ފުރާނަ އަށް ނުރައްކާވާ ހިސާބަށްވެސް ދިއުން އެކަށީގެންވެއެވެ.

މީގެ ކުރިން 6 ބާވަތެއްގެ ކޮރޮނާވައިރަސް ފެނިފައި ވާއިރު، ދާދި ފަހުން ފެނުނު ވައިރަސް އާއި އަޅާ ބަލާފައި މީގެ ކުރިން ފެނިފައި ހުރި ވައިރަސްތަކުގެ ނުރައްކާ މާ ބޮޑެވެ. ނަމަވެސް މިހާރުގެ ވައިރަސް އިންވެސް ނޭނގި ހުރެ ފުރާނަ އަށް ނުރައްކާ ވާ ހިސާބަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި، މޭގަނޑުގައި ރިއްސުމާއި، ކަރު ތެރެއަށް އުނދަގޫވުމުގެ އިތުރުން ހުން އައުންވެސް ހިމެނެއެވެ. މި ވައިރަސް އަށް ހާއްސަ ވެކްސިނެއް ސައިންސްވެރިންނަށް އަދި ހޯދިފައި ނުވި ނަމަވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ހުންނާނެއެވެ.

މިގޮތުން ބަލި މީހުންނަށް ޒިޔާރަތް ކުރާއިރު ސަމާލުވުމާއި، ބޭރުގައި އުޅެފައި އަތް ނުދޮވެ ލޮލާއި ނޭފަތް އަދި އަނގާގައި އަތް ނުހޭކުމާއި، ވީހައިވެސް ގިނައިން ސައިބޯނި ލައިގެން ރަނގަޅަށް އަތް ދޮވުން ހިމެނެއެވެ. އަދި ބަލިވެ އުޅޭ ކަމުގައި ވަނީނަމަ ގޭގައި މަޑު ކުރުމާއި ކެއްސައި، ކިނބިހި އަޅާއިރު މޫނާއި ނޭފަތް ރަނގަޅަށް ޓިޝޫ ފަދަ އެއްޗަކުން ނިވާކުރުން ހިމެނެއެވެ.

ޗައިނާ އިން މި ވައިރަސް މިހާރު ޖަޕާނާއި ދެކުނު ކޮރެއާގެ އިތުރުން ތައިލޭންޑަށްވެސް ފެތުރިފައި ވާއިރު މި މަހުގެ 25 ވަނަ ދުވަކީ ޗައިނާ މީހުން އައު އަހަރު ފާހަގަ ކުރާ ދުވަހެވެ. އެ ދުވަހު ޗައިނާ އިން 7 މިލިއަނަށް ވުރެން ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ޗުއްޓީ އަށް ދާނެއިރު އޭގެ ތެރެއިން ގިނަ ބަޔަކު ރާއްޖެވެސް ޒިޔާރަތް ކުރާނެއެވެ.

އެހެންކަމުން، މި ވައިރަސް އާއި މެދު ސަމާލުވެ، މިހާރުން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ބުއްދިވެރިއެވެ.