ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ބަލި، ކޮރޯނާވައިރަސް އެމެރިކާއިންވެސް ފެނިއްޖެ އެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެގައުމުން ކޮރޯނާ ވައިރަސް ފެނުނުކަން އިއުލާންކުރަން އެގައުމުގެ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ސީއެންއެން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުގައި މީހަކަށް އެބަލި ޖެހުނުކަން އިއުލާން ކުރުމަށް މިއަދު ނޫސް ކޮންފަރެންސެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އެ ބަލި ފެނިފައިވަނީ ވޮޝިންޓަން އިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން މި ބަލި ފެނިފައިވާއިރު މި ބަލި ފުރަތަމަ ފެނިފައިވަނީ ޗައިނާއިންނެވެ. ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މީގެ ކުރިން ފެނިފައި ނުވާ މި ކޮރޯނާ ވައިރަސް އަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށެވެ. އަދި އެ ބަލި ފެތުރިފައިވަނީ އެގައުމުގެ ސިޓީއެއް ކަމަށްވާ ވުހާން ގައި ދިރިއުޅެމުން އަންނަ އެއް އާއިލާއެއްގެ ދެމީހުންގެ ފަރާތުން ކަމަށްވެސް ބުނެފައިވެއެވެ.

ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން ބުނެފައިވަނީ އެބަލި ޖެހިގެން މިހާރު މަރުވި މީހުންގެ އަދަދު 6 އަށް އަރާފައިވާ ކަމަށެވެ. އަދި އެގައުމުން މިހާތަނަށް 300 އަށް ވުރެ ގިނަ ފަރާތްތަކަށް އެބަލި ޖެހިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. .

އެމެރިކާގެ އިތުރުން ތައިލެންޑާއި ޖަޕާނު އަދި ސައުތް ކޮރެއާއިންވެސް މި ބަލި ވަނީ ފެނިފައެވެ.