ވިއެޓްނާމް އިންވެސް ކޮރޯނާވައިރަސް ފެނިއްޖެއެވެ.
އެ ގައުމުގެ ސިއްހީ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި ވައިރަސް ފެނިފައި ވަނީ އެ ގައުމަށް ޒިޔާރަތް ކުރި ޗައިނާގެ 2 ފަތުރުވެރިއެއްގެ ގައިންނެވެ.
ބައްޕަ އަކާއި އޭނާގެ ފިރިހެން ދަރިފުޅު މި ވައިރަސް އަށް ޕޮސިޓިވް ވެފައިވާއިރު މި ދެމީހުންވެސް ޗައިނާ އަށް ގޮސްފައި ވަނީ މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން ސިޓީ އިންނެވެ.
މި ދެމީހުންގެ ތެރެއިން ވައިރަސް އެންމެ ފުރަތަމަ އަރާފައި ވަނީ އެ ކުއްޖާގެ ބައްޕަ އަށެވެ. ކުއްޖާގެ ބައްޕަ ގަދަޔަށް ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ވައިރަސް ޖެހިފައިވާކަން ހާމަވިއެވެ. އަދި އޭނާގެ ދަރިފުޅު ޓެސްޓު ކުރުމުން އެ ކުއްޖާވެސް ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ.
މިކަމާއި ގުޅިގެން ވިއެޓްނާމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރު ވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ވިއެޓްނާމަށް ކޮންމެ އަހަރަކުވެސް ޗައިނާ އިން އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ޗައިނާގެ ފަތުރުވެރިންގެ ކިބައިން މި ވައިރަސް މިހާރު ދަނީ ގިނަ ގައުމުތަކަކުން ފެންނަމުންނެވެ.
ޗައިނާ އިން މިހައިތަނަށް މި ވައިރަސް 600ށް ވުރެން ގިނަ މީހުންނަށް އަރާފައި ވާއިރު ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 17 އަށް އަރާފައެވެ.