ދެކުނު އެފްރިކާގެ ރައީސްކަމުން ޒޫމާ އިސްތިއުފާ ދެއްވައިފިއެވެ.

ރައީސްކަމުން ޒޫމާ އިސްތިއުފާ މިދެއްވީ، މަގާމުން އިސްތިއުފާ ނުދެއްވައިފިނަމަ މައްސަލަ ޕާލަމެންޓަށް ގެންގޮސް، އިތުބާރުނެތްކަމަށް ފާސްކުރާނޭ ކަމަށް ވެރިކަންކުރާ އެފްރިކަން ނޭޝަނަލް ކޮންގްރެސްއިން އިންޒާރު ކުރުމުންނެވެ.

އަމިއްލައަށް އިސްތިއުފާދެއްވަން ފުރުސަތު ދިނުމަށް ފަހު އިސްތިއުފާ ދެއްވުމަށް ޒޫމާ އިންކާރު ކުރެއްވުމުން އެގްޒެކެޓިކް ކޮމިޓީން ދެން ނިންމީީ ރައީސް ޒޫމާ "ރީކޯލް" ކުރުމަށެވެ. އެހާލަތުގައި އޭއެންސީގެ މެމްބަރެއް ވެއްޖެއްޔާ އެ ހުންނެވި މަގާމަކުން އިސްތިއުފާ ދެއްވަންޖެހެއެވެ.

ރަައީސް ޒޫމާ އޭނަ ނިސްބަތްވާ ޕާޓީން "ރީކޯލް" ކުރުމުން މިއަދު ދެއްވި ދިގު ތަގްރީރުގައި ވިދާޅުވީ އޭނާއާމެދު ކަންތައް ކުރެވިގެންދަނީ ވަރަށް ބޭއިންސާފުން ކަމަށެވެ. އަދި 2019 ވަނަ އަހަރު މަގާމުގެ މުއްދަތު ހަމަވާންދެން ރައީސްކަމުގައި ހުންނެވުމަށް ޕާޓީން ދެކޮޅު ހަދަނީ ކީއްވެގެންކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ޒޫމާ ވަނީ ރައީސްކަމުގެ މަގާމުން މިވަގުތުން ފެށިގެން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާ ކަން ވިދާޅުވެފައެވެ.

އިސްތިއުފާ ދެއްވި އިރު ޒޫމާ ގެންދަވަނީ 2009 ވަނަ އަހަރުން ފެށިގެން ދެކުނު އެފްރިކާގެ ރައީސްކަމުގެ މަގާމު ފުރުއްވަމުންނެވެ.

ޒޫމާގެ ވެރިކަން ވެފައި ވަނީ ދެކުނު އެފްރިކާގެ އިގްތިސާދު ހީނަރުވެ، ކޮރަޕްޝަނާއި ފަސާދަ އާންމުވެފައިވާ ވެރިކަމެއްގެ ގޮތުގައެވެ. ޚުދު ރައީސް ޒޫމާއާ ދެކޮޅަށްވެސް ކޮރަޕްޝަންގެ އެތައް ތަހްގީގެއް މިހާރުވެސް ކުރަިއަށް އެބަދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު