ފިލިޕިންސްގެ ވެރިރަށް މަނިލާގައި ގޮވި އަލިފާން ފަރުބަދަ ކޮންޓްރޯލްވެ އެހިސާބުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން އަލުން އަނބުރާ އެހިސާބަށް އަންނަން ފަށައިފިއެވެ.

މަނިލާގައި މިމަހުގެ ތެރޭގައި ގޮވި އަލިފާން ފަރުބަދައަކީ ޓާލްގެ ނަމުން ނަން ދީފައިވާ ފަރުބަދައެކެވެ. މި ފަރުބަދައަކީ މަނިލާއާއި 70 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ފެނގަނޑެއްގެ ތެރޭގައި އުފެދިފައިވާ އަލިފާން ފަރުބަދައެކެވެ.

މި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެހިސާބު ގަނޑުގައި ދުންގަނޑު ފެތުރު ސުނާމީ އަރާފާނެ ކަމުގެ ބިރުވެސް އޮތެވެ. އެހެންކަމުން މީހުން ސަލާމަތް ކުރުމުގައި ހަރާކާތްތެރިވާ ފަރާތްތަކުން ވަނީ އެސަރަހައްދުގައި ދިރިއުޅޭ މީހުން އެހެން ހިސާބަކަށް ބަދަލުކޮށްފައެވެ.

އެހެން ނަމަވެސް މިހާރު އަލިފާން ފަރުބަދައިގެ އަސަރު ކެނޑުމުން 3 ލައްކައަށް ވުރެ ގިނަ މީހުން އެނބުރި އެ ހިސާބަށް އަންނަާނެކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ކަމާއި ބެހޭ މާހިރުން ބުނެފައިވަނީ މީގެ ކުރިން ނުރައްކާ ވެފައިވާ ފަރުބަދެ ބާރު ދަށް ވެފައިވާ ކަމަށެވެ.

ޓާލް ފަރުބަދަ ގޮވުމުގެ ސަބަބުން ބިންހެލުމެއްގެ އަސަރު ކޮށްފައިވާ ކަމަށް ބައެއް މީޑީއާތަކުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވި ނަމަވެސް ބައެއް ފަރާތްތަކުގެ ގެދޮރު ނެތިގެން ގޮސްފައި ވެއެވެ.

ޓާލް އަކީ ދުނިޔޭގައި ހުރި އެންމެ ކުޑަ އެންމެ ގިނައިން ގޮވަމުން އަންނަ އަލިފާން ފަރުބަދަ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. މިއީ ނުރައްކާތެރި ފަރުބަދައެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއެވެ.