އަފްގާނިސްތާނަށް ވެއްޓިފައިވާ ގޮތް ނޭނގޭ ބޯޓަކީ އެމެރިކާގެ އަސްކަރިއްޔާ ބޯޓެއް ކަމަށާާއި، އެ ބޯޓު ވައްޓާލީ ކަމަށް ތާލިބާނުން ބުނެފިއެވެ.

ތާލިބާނުން ކޮންޓްރޯލް ކުރަމުންދާ ގަޒްނީ ޕްރޮވިންސްގެ ދެހު ޔަކް ޑިސްޓްރިކްޓަށް ވެއްޓިފައިވާ ބޯޓުން ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ދަތުރުކުރި ކަމަށާއި، އޭގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާގެ މަތީ ރޭންކްތަކުގެ މީހުން ހިމެނޭކަމަށް ތާލިބާނުން ބުނެއެވެ.

ތާލިބާނުގެ ތަރުޖަމާނު ބުނީ ބޯޓު ވައްޓާލުމާއެކު އޭގެން ދަތުރު ކުރި އެންމެން މަރުވެފައިވާ ކަމަށެވެ.

އާރްޓީ ނޫހުން ބުނީ ފްލައިޓްގައި ތިބީ އެމެރިކާގެ ސީއައިއޭ މީހުން ކަަމަށް އަޑު ފެތުރިފައިވާ ކަމަށެވެ. ނަމަވެސް މިކަންވެސް އަދި ކަށަވަރެއް ނުކުރެވެއެވެ.

ވެއްޓުނު ފްލައިޓަކީ އެމެރިކާގެ އަސްކަރިއްޔާގެ ބޯޓެއްކަމަށް އަދިވެސް އެމެރިކާއިން އިއުތިރާފެއް ނުވެއެވެ. އެމެރިކާއިން ބުނީ ފްލައިޓެއް ވެއްޓުނު ކަމުގެ ރިޕޯޓް ލިބުމުން އެކަން ބަލަމުންދާ ކަމަށެވެ.

އަފްގާނިސްތާނުގެ އޮފިޝަލަކު ވިދާޅުވީ، ބޯޓު ވެއްޓުނު ސަރަހައްދުން 100 އެއްހާ މީހުންގެ ހަށިގަނޑު ފެންނަމުންދާ ކަމަށެވެ.

މި ތެދު މައުލޫމާތުތަކަކަށް ވެއްޖެ ނަމަ މި ހާދިސާ ވެގެން ދާނީ ފަހުގެ ތާރީހެއްގައި އެމެރިކާގެ އަސްކަރިއްތާއަށް ލިބުނު އެންމެ ބޮޑު ގެއްލުމަށެވެ.