އީރާންގެ ކެސްޕިއަން އެއާލައިންގެ ފްލައިޓެއް މިއަދު އޮޅިގެން ރަންވޭކަމަށް ހައިވޭއަކަށް ޖައްސައިފިއެވެ.

މިހާދިސާ ހިނގީ އީރާންގެ ދެކުނުގައި އޮންނަ މަހްޝަރު އެއާޕޯޓް ކައިރީގައެވެ. އީރާންގެ ދައުލަތުގެ މީޑިއާ އިން ވަނީ އޮޅިގެން ފްލައިޓެއް ހައިވޭއަކަށް ޖައްސާފައިވާކަން ކަށަވަރު ކޮށްދީފައެވެ.

އީރާންގެ ދައުލަތުގެ މީޑިއާ އިން ބުނީ ހައިވޭއަށް ޖެއްސި ފްލައިޓްގައި އަލިފާން ރޯވެފައި ނުވާކަމަށާއި ފްލައިޓްގައި ތިބި ހުރިހާ ފަސެންޖަރުން ވެސް ގެއްލުމެއް ނުލިބި ސަލާމަތް ކޮށްފައިވާ ކަމަށެވެ. ފްލައިޓްގައި 135 ފަސެންޖަރުންނާއި ހަތް ކުރޫއިން ތިއްބެވެ.

ފްލައިޓް ހައިވޭއަށް ޖެއްސުމުގެ ކުރިން ލޭންޑިން ގިއަރުގައި މައްސަލައެއް ޖެހިގެން އެކަން އެއާ ޓްރެފިކް ކޮންޓޯލް ޓަވަރުގެ ސަމާލުކަމަށް ގެނައެވެ.

އީރާންގެ ވައިގެ ދަތުރުފަތުރާއި ބެހޭ އޮފިޝަލުން ވިދާޅުވީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަ އާއި ހައިވޭއަށް ފްލައިޓް ޖެއްސި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ދެވޭނީ ތަޙްޤީޤު ނިމުމުން ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ފްލައިޓްގެ ފަސެންޖަރުން ބާރުބޮޑު ހައިވޭ މަތީގައި އިށީންދެގެން ތިބި މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ހައިވޭއަށް ޖެއްސި ފްލައިޓަކީ 1994 ވަނަ އަހަރު އުފައްދާފައިވާ ފްލައިޓެކެވެ.

އީރާންގެ ފްލައިޓްތަކަށް ޓެކްނިކަލް މައްސަލަތައް ދިމާވުމަކީ ވަރަށް އާއްމު ކަމެކެވެ. މިފަދަ މައްސަލަތައް ގިނައިން ފްލައިޓްތަކަށް ދިމާވަނީ މަރާމާތުނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުންނެވެ. އެމެރިކާ އިން އީރާނާއި މެދު އަޅާފައި އޮންނަ ދަތިކުުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ފްލައިޓްތަކުގެ ސްޕެއާ ޕާޓްސް ގަތުމަކީ އީރާންގެ އެއާލައިންތަކަށް ވަރަށް ދަތިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮން ބަބުރު ސޮރު

    މިހެން ވީމަ އަހަރެން ބުނަނީ މީނަ ބަހައްޓަން ރަގަޅީ މިކަހަލަ ދެއުޅި އެއްނުވާ އަނގަ ތަޅުވާ ރާބޮއެގެން އިންނަ މީހެއްގެ ބައި ކުޅޭށޭ!!

    4
    2