ޗައިނާގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ނޮވެލް ކޮރޯނާ ވައިރެހަށް ޝައްކު ކުރެވޭ އިތުރު ބަޔަކު އިންޑިއާގައި ޓެސްޓު ކުރަން ފަށައިފިއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ އެންޑީޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގައުމުގެ ކެރެލާ ސްޓޭޓުގައި އެބަލި ފެތުރިދާނެ ކަމަށް ޝައްކު ކުރެވޭ 400 މީހުން މިހާރުވެސް ދަނީ މޮނިޓާ ކުރެވެމުންނެެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހުންނަކީ އެބަލީގެ އެކި އަލާމާތްތައް ފެނިފައިވާ މީހުންނެވެ.

މީގެ އިތުރުން އެބަލީގެ އަލާމާތްތައް ފެންނަ މީހުން ދިއްލީގައި އަދި މުންބައީ ގެ ހޮސްޕިޓަލު ތަކުގައި އެޑްމިޓް ކޮށްގެން ދަނީ ބަލަމުން ކަމަށާއި، ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށް 400 މީހަކު ގޭގައި ބައިތިއްބައިގެން މޮނިޓާ ކުރަމުން ދާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ވައިރަސް ފެތުރެން ފެށިފަހުން އިންޑިއާގެ އެއާޕޯޓުތަކުން އެގައުމަށް ޗައިނާއިން އެތެރެވި މީހުންގެ އަދަދު 30،000 އަށް އަރާ ކަމަށް ވެއެވެ. އެހެން ނަމަވެސް އެގައުމުން ތިބީ ރައްކާތެރި ކަމުގެ ފިޔަވަޅު އަޅައިގެން ކަމަށާއި، ސިއްހަތާއި ބެހޭ އެކި އިދާރާތަކުން އަދި މެދު ނުކެޑި ބަލިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅު ތައް ބަލައި އެކަންކަން ތަންފީޒު ކުރަމުން ދާކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިހާތަނަށް 18 ގައުމަކުން މި ބަލި ފެނިފައިވާއިރު، ދުނިޔޭގެ ސިއްހަތާ ބެހޭ އިދާރާއިން ވަނީ އިތުރު ގައުމުތަކަށް މިބަލީގެ ބިރު ނެތްކަމަށް އިއުލާން ކޮށްފައެވެ.

މިހާތަނަށް މިބަލި 4،000 މީހުންގެ ގައިން ފެނިފައިވާއިރު މަރުވި މީހުންގެ އަދަދު 100 އަށްވުރެ އިތުރެވެ. މި ބަލި އެންމެ ބާރު ސްޕީޑުގައި ފެތުރެމުން އަންނަ ވުހާން ސިޓީއަކީ އިންޑިއާގެ ގިނަ ބަޔަކު ތައުލީމް ހާސިލް ކުރުމަށާއި، އަދި އިތުރު ބޭނުންތަކުގައި ދިރިއުޅޭ ތަނެއް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު