ދުނިޔެއަށާއި ދުނިޔޭގެ ތިމާވެއްޓަށް ބޮޑުވެފައިވާ ޕްލާސްޓިކުގެ މައްސަލަ ހައްލުކުރުމަށް ސައިންސްވެރިން، ބެކްޓީރިޔާއެއް ތަރައްޤީކޮށްފައިވާކަމަށް އެފަރާތްތަކުން ބުނެފިއެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި މި ބެކްޓީރިޔާއަކީ ޖަޕާނުގެ ރިސައިކަލް ކުރާ ތަނަކުން ހޯދުނު ބެކްޓީރިޔާއަކަށް ބެލުމަށްފަހު ތައްޔާރުކުރާ މަސްނޫވީ ބެކްޓީރިޔާއެއް ނުވަތަ އެންޒައިމް އެއް ކަމަށެވެ. އަދި، މިއީ ޕްލާސްޓިކު ކެއުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެއްކަމަށްވެސް ބުނެފައިވެއެވެ. އެންޒައިމް އަކީ ދިރޭ ބެކްޓީރިޔާއަކަށް ބަދަލުތަކެއް ގެނެސްގެން އުފައްދާ އެއްޗެއްސެވެ.

ނޫސް ރިޕޯޓުތައް ބުނާ ގޮތުގައި އެންމެ ފުރަތަމަ ސައިންސްވެރިން ބޭނުންވީ، މިއީ ކިހިނެއް މަސައްކަތްކުރާ އެއްޗެއްކަން ހޯދާ، މިއާ ބެހޭ ގޮތުން އިތުރު ދިރާސާތައް ކުރުމަށެވެ. އެހެންނަމަވެސް، އެފަރާތްތަކަށް ނޭނގި، ކުރެވުނު ކަމެއްގެ ސަބަބުން މަސައްކަތްތައް އިތުރަށް އަވަސްވެ، މިކަން ވީ ކަމަށްވެސް ބުނެފައިވެއެވެ.

މި މަސައްކަތުގައި ހަރަކާތްތެރިވާ ޕޯޓްސްމައުތު ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމުގައިވާ ޖޯން މެކް ގީހަން ބުނެފައިވާ ގޮތުގައި އަދި އުފެއްދުނު އެންޒައިމް އަށް ކެވެނީ ހަމައެކަނި ޕީއީޓީ ބާވަތުގެ ޕްލާސްޓިކެވެ. އެހެންކަމުން، ވިޔަފާރީގެ އުސޫލުން މި ބޭނުންކުރަން އަދި ދަތިތަކެއް ކުރިމަތިވާނެކަމަށްވެސް ގީހަން ބުނެފައިވެއެވެ. ޕީއީޓީ ޕްލާސްޓިކުގެ ތެރޭގައި ޕްލާސްޓިކު ފުޅި ހިމެނެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރެއްގެ މައްޗަށް ދުނިޔޭގެ 300 ޓަނުގެ ޕްލާސްޓިކް އުފައްދައެވެ. އަދި، ހޭދަވާ ކޮންމެ މިނެޓެއްގެ ތެރޭގައި އެއް ލޮރީގެ ޕްލާސްޓިކް ކުނި، ދުނިޔޭގެ ކަނޑުތަކަށްވެސް އަޅައެވެ. މިއީ ރާއްޖެއަށާއި ރާއްޖޭގެ ކަނޑުތަކާއި ފަރުތައް އަދި އެތަންތަނުގެ ދިރުންތަކަށްވެސް ހުރި ބޮޑު ނުރައްކަލެކެވެ.