ފަލަސްތީނުން އެމެރިކާ އާއި އިސްރާއީލާއިއެކު ބާއްވަމުން އައި ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަން ފަލަސްތީންގެ ރައީސް މަހްމޫދް އައްބާސް އިއުލާން ކުރައްވައިފިއެވެ.

މަހްމޫދް އައްބާސް މިކަން އިއުލާން ކުރައްވާފައި މިވަނީ "ގަރުނުގެ އެއްބަސްވުމުގެ" ނަމުގައި އިސްރާއީލަށް ފަލަސްތީންގެ ބިންތައް ހޯދައިދިނުމަށް އެމެރިކާ އިން ހުށަހެޅި އެއްބަސްވުމަށް ދެކޮޅު ހެދުމުގެ ގޮތުންނެވެ.

ފަލަސްތީންގެ ބިންތައް އިސްރާއީލުން ފޭރިގަތުމުގެ އާމަސައްކަތްތަކެއް ފެށުމަށް އެމެރިކާ އިން ތަފާތު ގޮތަކަށް އެހީތެރިވާން ތައްޔާރުވުމުން މިއަދު އަރަބި ލީގުގެ ކުއްލި ބައްދަލުވުމެއް ވަނީ ފަށާފައެވެ. އެބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވަނީ އެމެރިކާ އާއި އިސްރާއީލާއި ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

"އަޅުގަނޑުމެން ވާނީ އަޅުގަނޑުމެންގެ ނިންމުން ހިމެނޭ ދެ ސޮފްހާގެ ސިޓީއެއް އެމެރިކާ އާއި އިސްރާއީލަށް ފޮނުވާފައި." އަރަބި ލީގުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވިއެވެ.

ފަލަސްތީންގެ ނިންމުމާއި ގުޅިގެން އަދި މިހާތަނަށް އެމެރިކާ އާއި އިސްރާއީލުން އެއްވެސް އެއްޗެއް ނުބުނެއެވެ.

އައްބާސް މިހާރު ގެންދަވަނީ އެމެރިކާ އިން ހުށަހަޅާފައި އޮތް އެއްބަސްވުމާއި ދެކޮޅު ހެދުމަށް ބައިނަލްއަޤުވާމީ ދުނިޔޭގެ ތާއިދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.

މިއަދު އަރަބި ލީގުން ވެސް ވަނީ އެމެރިކާގެ އެއްބަސްވުން ބަލައި ނުގަންނަ ކަމަށް ބުނެފައެވެ. މިސްރުގެ ވެރިރަށް ގާހިރާގައި ބޭއްވި އަރަބި ލީގުގެ ކުއްލި ބައްދަލުވުމަށްފަހު ނެރުނު 22 ގައުމުގެ ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ އެމެރިކާ އިން ހުށަހަޅާފައިވާ އެއްބަސްވުމަކީ ފަލަސްތީނާއި އިސްރާއީލްގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ.