ސައުދީ އަރަބިއްޔާގައި ދޫނީ ރޯގާއެއް ފެތުރި، ގިނަ އަދަދެއްގެ ދޫނި މަރުވަމުންދާ ކަމަށް ވޯލްޑް އޯގަނައިޒޭޝަން ފޯ އެނިމަލް ހެލްތު (އޯއައިއީ) އިން ބުނެފިއެވެ. އެޖަމިއްޔާ އިން ވަނީ މި ދޫނި ރޯގާ އާއި މެދު ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

ސައުދީ އަރަބިއްޔާގައި ފެތުރެމުން ދަނީ ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ "އެޗް5އެން8" އެވެ. މި ރޯގާ ފެނިފައި ވަނީ ވެރިރަށް ރިޔާދްގެ އުތުރުން 150 ކިލޯމޯޓަރު ދުރުގައި އޮންނަ ސުދައިރް ސަރަހައްދުންނެވެ. އޯއައިއީ އިން ސައުދީ އަރަބިއްޔާގެ އެގްރިކަލްޗާ މިނިސްޓްރީ އާއި ހަވާލާދީ ބުނެފައި ވަނީ ދޫނި ރޯގާ ޖެހިގެން 22000 އަށް ވުރެ ގިނަ ދޫނި މިހާރު މަރުވެފައިވާ ކަމަށެވެ.

މިހާރު ސައުދީ އަރަބިއްޔާގައި ފެތުރެމުންދާ ދޫނި ރޯގާ އެގައުމުން 2018 ވަނަ އަހަރުގެ ޖުލައި މަހު ވެސް ފެނުނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނާ ގޮތުގައި މިއީ ދޫންޏަށް ވަރަށް ފަސޭހައިން ޖެހޭ ބައްޔެއް ކަމަށް ވީނަމަވެސް މި ބަލި އިންސާނުންގެ ގަޔަކަށް ނާރައެވެ.

ނަމަވެސް ބަލި ދޫނީގެ ތެރޭގައި ވަރަށް ބޮޑަށް އާއްމުވެ، ނުރައްކާ ބޮޑުވަމުން ދިއުމަކީ އިންސާނުންގެ ތެރޭގައި ވެސް މި ބަލި ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ.

ސައުދީ އަރަބިއްޔާގައި ދޫނި ރޯގާއެއް ފެތުރެމުން ދާއިރު އިއްޔެ ވިއެޓްނާމް އިން ވެސް ވަނީ ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ އެޗް5އެން6 ގެ ޖެހިގެން އެގައުމުން 2200 ދޫނި މަރުވެފައިވާކަމަށް ބުނެފައެވެ. އަދި ޗައިނާ އިން ވެސް ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ވަނީ އެޗް5އެން1 ޖެހިގެން އެގައުމުގައި ވެސް ދޫނިތަކެއް މަރުވެފައިވާކަމަށް ބުނެފައެވެ.

ދޫނީ ރޯގާ ބައެއް ގައުމުތަކުގައި ފެތުރެމުން މިދަނީ ކޮރޯނާވައިރަސްގެ ސަބަބުން ދުނިޔެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ވަނިކޮށެވެ.