ކޮރޯނާވައިރަސް ފެތުރެން ފެށި ޗައިނާގެ ވުހާން ސިޓީ އަށް ނިސްބަތްވާ އަންހެނަކު ވިހެއި ދަރިފުޅު ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެއްޖެއެވެ.

މި ހަފްތާގެ އާދިއްތަ ދުވަހު ވިހެއި މި ކުއްޖާ ވައިރަސް އަށް ޕޮސިޓިވް ވުމާއިއެކު ޑޮކްޓަރުން މިހާރު އަންނަނީ މައިމީހާގެ ރަހިމުގެ ތެރެއިން މި ވައިރަސް ތުއްތު ކުދިންގެ ގަޔަށް އަރާކަމަށްބުނެ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ކުއްޖާ އަށް މިހާރު އަންނަނީ ވައިރަސް ޖެހިފައިވާ ކުޑަކުދިންނަށް ޙާއްސަކޮށްފައިވާ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ފަހުގައި ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށާއި އަދި އެ ކުއްޖާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށެވެ.

މި ކުއްޖާގެ އިތުރުންވެސް، ވުހާންގައި މިދިޔަ މަހު ވިހި އުމުރުން 17 ދުވަހުގެ ކުއްޖަކުވެސް ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ. އެ ކުއްޖާ ވިހެއި އިރު އެއްވެސް މައްސަލަ އެއް ފާހަގަނުވި ނަމަވެސް އޭގެ ދެ ހަފްތާ ފަހުން އެ ކުއްޖާ ބަލަހައްޓަން ކުއްޔަށް ގެނައި މީހެއްގެ ފަރާތުން ކުއްޖާ އަށާއި އެ ކުއްޖާގެ މަންމަ އަށްވެސް ވަނީ ވައިރަސް ޖެހިފައެވެ.

ކޮރޯނާވައިރަސްގެ ޝިކާރައަކަށްވެ، 500 އާއި ގާތްކުރާ އަދަދަކަށް ޗައިނާ އިން މީހުން މަރުވެފައިވާއިރު، 25،000 ވަރަކަށް މީހުން ވަނީ އެ ގައުމުން ވައިރަސް އަށް ޕޮސިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު