ޗައިނާގެ ވުހާން ސިޓީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް އަށް މިހައިތަނަށް ފަރުވާ އެއް ހޯދިފައި އަދި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނެފިއެވެ.

އެ ޖަމިއްޔާ އިން މިހެން ބުނެފައި މިވަނީ ޗައިނާގެ ޓީވީ ޗެނަލަކުން އެ ގައުމުގެ ސައިންސްވެރިން މި ވައިރަސް އަށް ފަރުވާ އެއް ހޯދައިފި ކަމަށާއި އަދި އިނގިރޭސިވިލާތުގެ ނޫހަކުން މި ވައިރަސް ހުއްޓުވުމަށް ސަައިންސްވެރިން އުފައްދަމުން އަންނަ ވެކްސިންގެ ބޮޑު ބައެއް ނިމިފައިވާކަމަށް ބުނެ ޙަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.

މި ރިޕޯޓުތަކާއި ގުޅިގެން މީޑިއާތަކުން ސިއްހަތު ޖަމިއްޔާގެ ސްޕޯކްސްޕާސަން އާއި ސުވާލުކުރުމުން ބުނެފައި ވަނީ މި ވައިރަސް ހުއްޓުވަން ވަކި ފަރުވާ އެއް އަދި ހޯދިފައި ނުވާ ކަމަށެވެ.

ކޮރޯނާވައިރަސްގެ ޝިކާރައަކަށްވެ ޗައިނާ އިން 500 ވަރަކަށް މީހުން މަރުވެ، 25،000 މީހުން ވަނީ ވައިރަސް އަށް ޕޮސިޓިވް ވެފައެވެ. މި ވައިރަސް ހުއްޓުވަން ވެކްސިނެއް އުފެއްދުމަށްޓަކައި ޗައިނާގެ އެންމެ މުއްސަނދި މީހާ އަދި އަލީއެކްސްޕްރެސް/ އަލީ ބާބާގެވެސް ވެރިޔާ ކަމުގައިވާ ޖެކް މާ ވަނީ ސައިންސްވެރިންނަށް އެތައް މިލިއަން ޑޮލަރެއް ޙަރަދު ކޮށްފައެވެ.

މި ވައިރަސް މިހާރު 26 ގައުމަކަށް ފެތުރިފައި ވާއިރު ކޮންމެ ދުވަހެއްގައިވެސް ވައިރަސް އަށް ޕޮސިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންކަން ފާހަގަކޮށްލެވެއެވެ.