އިންޑިއާގައި ހުންނަ އެމެރިކާގެ އެމްބަސީ ތެރޭގައި އުމުރުން 5 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްލައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ކުޑަކުއްޖާ ރޭޕް ކޮށްފައި ވަނީ އިންޑިއާ އަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް އެ ގައުމުގެ އިދާރާތަކުން ހާމަކޮށްފައި ވާއިރު ޑޮކްޓަރުން ބުނެފައި ވަނީ އެ ކުއްޖާ ރޭޕް ކޮށްފައިވާކަން ކަށަވަރު ކުރެވޭ ކަމަށާއި އަދި ކުއްޖާ އަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހާ އަކީ އެމްބަސީގައި މަސައްކަތް ކުރާ މީހެއް ނޫން ނަމަވެސް، އޭނާގެ ބައްޕަ އަކީ އެމްބަސީގައި ޑްރައިވަރެއްގެ ގޮތުގައި މަަސައްކަތް ކުރަމުން އަންނަ މީހެއްކަމުން ޑްރައިވަރުގެ އާއިލާގެ މެމްބަރުންނަށް އެމްބަސީ ތެރެއިން ވަނީ ހުރުމުގެ ކަންކަން ހަމަޖައްސައިދީފައެވެ.

ނިއުދިއްލީގައި ހުންނަ 23 އޭކަރުގެ އެމެރިކާ އެމްބަސީގައި އިންޑިއާގެ ގިނަ ބަޔަކު މަސައްކަތް ކުރަމުން ގެންދެއެވެ. ފިރިހެން މީހާ ރޭޕް ކުރި ކުއްޖާވެސް ދިރިއުޅެނީ އެމްބަސީ ތެރޭގައެވެ. އަދި އެ ކުއްޖާ ކުޅެން ހުއްޓައި އެމީހަ ވަނީ ކުއްޖާ ހައްލުވާލައިގެން އެގޭތެރެއަށް ވައްދާފައެވެ.

މިކަން ހިނގުމަށް ފަހުގައި އެ ކުއްޖާ ވަނީ ގެއަށް ގޮސް މައިންބަފައިން ގާތު ކަންތައް ހިނގައިދިޔަ ގޮތާއި ކަންކުރި މީހާވެސް ބުނެފައެވެ. މި މައްސަލަ ކުއްޖާގެ މައިންބަފައިން ފުލުހުންނަށް ހުށަހެޅުމާއި އެކު ފުލުހުން ވަގުތުން އެމީހާ ހައްޔަރުކޮށް، މި މައްސަލަ ވަރަށް ސީރިއަސްކަމާއި އެކު ތަހުގީގު ކުރަމުން ގެންދާކަމަށް އިންޑިއާގެ ފުލުހުން ވަނީ ބުނެފައެވެ.