އިންޑޮނޭޝިއާ އަށް އައި ބިންހެލުމެއްގައި ތިން މީހުން މަރުވެ 300 އަށް ވުރެ ގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އޭއެފްޕީ އިން ބުނީ ބިންހެލުން އައީ ބުދަ ދުވަހު ހެނދުނު ކަމަށެވެ. ބިންހެލުން އައިސްފައި ވަނީ 4.4 މެގްނެޓިއުޑްގެ ބާރުމިނުގައެވެ. މިއީ ނިސްބަތުން ބާރު ދެރަ ބިންހެލުމެއް ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ބިންހެލުން އައިސްފައި ވަނީ ބިމުގެ ވަރަށް މަތީ ފަށަލައަކަށް ވާތީ ކަމުގައި އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާ އިން ބުނެއެވެ.

ބިންހެލުން އައި ސަރަހައްދުގައި މިހާރު ވަނީ ދެހަފްތާ ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ބިންހެލުން އައިސްފައި ވަނީ ޖާވާގެ މެދުތެރޭގައި އޮންނަ ކެބުމެން އަށެވެ.

ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި ބިންހެލުމުގައި މަރުވެފައި ވަނީ 13 އަހަރުގެ ފިރިހެން ކުއްޖަކާއި މެދުއުމުރުގެ ދެމީހުންނެވެ. ބިންހެލުމުގެ ސަބަބުން އަނިޔާވި 21 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ. ގެދޮރު ގެއްލުނު 2100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ.

އިންޑޮނޭޝިއާ އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަށް ވަރަށް ގިނައިން ބިންހެލުން އާދެއެވެ. އިންޑިއާ ކަނޑުގެ ގައުމުތަކަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު 2004 ގެ ސުނާމީ ކާރިސާ އަކީ ވެސް އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ކުރިމަތިވި ހާދިސާ އެކެވެ. ސުނާމީ ކާރިސާގައި 230000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އޭގެތެރޭގައި އެންމެ ގިނައިން ހިމެނެނީ އިންޑޮނޭޝިއާ މީހުންނެވެ.