ތައިލެންޑްގެ ސިފައިންގެ މީހަކު ހަތިޔާރު ހިފައިގެން ޝޮޕިން މޯލަކަށް ވަދެ އާއްމުންގެ ގަޔަށް ބަޑި ޖަހާ 26 މީހުން މަރާލި ފަހުން ތައިލެންޑް ސިފައިންގެ ހަމަލާއެއްގައި އޭނާ މަރާލައިފިއެވެ.

އިއްޔެ ސިފައިންގެ ސާޖަންޓެއް ކަމަށްވާ ޖަކަރަޕަންތު ތޮއްމާ ފުރަތަމަ ހަމަލާ ދިނީ ސިފައިންގެ އިސް ޖެނެރަލަކަށެވެ. އެއަށްފަހު އޭނާ ޝޮޕިން މޯލަކަށް ދަމުން މަގުމަތިން ވެސް ބައެއް މީހުންނަށް ހަމަލާ ދިނެވެ.

ސިފައިންގެ މީހަކު ހިންގި މިބޮޑު ޖަރީމާ އާއި އެކު މުޅި ތައިލެންޑަށް ވަނީ ޝޮކެއް ލިބިފައެވެ.

އަސްކަރިއްޔާ އިން ބުނީ އޭނާ ގިނަ އަދަދެއްގެ ބަޔަކު މަރާލި އަސްލު ސަބަބު އަދި ސާފުނުވާ ކަމަށާއި ނަމަވެސް ބިމެއްގެ މައްސަލައިގައި އިއްޔެ އޭނާ މީހަކާއި އަރައިރުން ވެފައިވާ ކަމަށެވެ.

ތޮއްމާ ޝޮޕިން މޯލަށް ވަނުމުން އޭނާ ހޯދަން ސިފައިން ވަނީ އަށް ގަޑިއިރު ވަންދެން މަސައްކަތް ކޮށްފައެވެ. ސިފައިން ހަމަލާދީ އޭނާ މަރާލިއިރު އޭނާގެ ހަމަލާތަކުގައި 56 މީހަކު ވަނީ ޒަހަމް ވެސް ވެފައެވެ.

ތޮއްމާ ހަމަލާ ދިނުމުގައި ބަޑީގެ އިތުރުން ބައެއް ގޮވާތަކެތި ވެސް ބޭނުން ކުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަމަލާ ދިން ޝޮޕިން މޯލްގެ ބޭރުގައި ތިބި މީހުން ބުނާ ގޮތުގައި މޯލްގެ ތެރެއިން ވަރަށް ގިނަ ބަޑީގެ ހަމަލާތަކުގެ އަޑާއި ގޮވާތަކެތީގެ އަޑުތައް އިވުނެވެ.

ތޮއްމާ ވަނީ އޭނާ ފުރަތަމަ ހަމަލާ ދެމުން ގެންދިޔަ މަންޒަރު ފޭސްބުކްގައި ލައިވް ވެސް ކޮށްފައެވެ.

ފޭސްބުކް އިން ވަނީ އޭނާގެ އެކައުންޓް މިހާރު ފޭސްބުކް އިން ރިމޫންކޮށް، އެފަދަ ވީޑިއޯއެއް ފޭސްބުކް މެދުވެރިކޮށް އާއްމުކޮށްފައި ވާތީ މާފަށް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިއީ ޓެރަރިސްޓް ހަމަލާއަކައް ނުވަނީ އެއީ ބުޑިސްޓް ކާފަރަކު ދިން ހަމަލާއަކައް ވީމަތަ. ދެން ބުނާ އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެކޭ މިފަދައިން ބުނެ ނިންމާލާނެ. މުސްލިމެއް ނަމަ މިހާރު ބުނާނީ ޓެރަރިސްޓް ހަމަލާއެކޭ.

    45
    1