އެފްރިކާ ބައްރުގައި އޮތް އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ނައިޖީރިއާގައި ގޮތް ނޭނގެ ބައްޔެއް ފެތުރި ގިނަ ބަޔަކު މަރުވަމުންދާ ކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ނައިޖީރިއާގެ ސަރުކާރުން ބުނީ އެ ބަލި ދައުރުވަމުން އަންނަތާކުޑަ ދުވަސްކޮޅެއްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް 15 މީހަކު މަރުވެފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ބަލި ޖެހިފައިވާ މީހުންގެ ފަރާތުން ފެންނަ ބައެއް ކަހަލަ އަލާމާތްތަކުގެ ތެރޭގައި ހޮޑު ލެވުން، ގައިގައި ރިއްސުން، އަދި ބޭރަށް ހިނގުން ހިމެނެއެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ ނައިޖީރިއާގެ ވެރިކަން ކުރާ ރަށް އަބޫޖާ އިން މިދިޔަ މަހުގެ ތެރޭގައެވެ.

އެ ގައުމުގެ ބައެއް މީޑީއާތަކުން ބުނީ މިމަހުގެ ތިން ވަނަ ދުވާހާ ހަމައަށް މި ބަލި ޖެހިފައިވާ މީހުން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން އެ ދުވަހާއި ހަމައަށް 104 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ ސިއްހަތާ ބެހޭ މާހިރުން ބުނީ މިހާތަނަށް މަރުވެފައިވާ 15 މީހުންނަކީ އެ ބަލި ޖެހިގެން 48 ގަޑި އިރުތެރޭގައި މަރުވެފައިވާ މީހުން ކަމަށެވެ. އެހެން ކަމުން ހުރިހާ އެންމެން ބަލިން ރައްކާތެރިވުމަށް ސިއްހަތާ ބެހޭ ވުޒާރާ އިން ވަނީ އިރުޝާދު ދީފައެވެ. އަދި މި ބަލި ދެނެގަތުމަށް ކަމާ ބެހޭ އިދާރާތަކަށް މިހާރު ސަރުކާރުން ވަނީ އަންގައިފައެވެ.

މި ބަލީގެ ސަބަބުން ގިނަ ބަޔަކު މަރުވަމުންދާތީ އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ އެ ބައްޔަކީ "އެބޯލާ" ނުވަތަ "ލަސާ ފީވާ" އެއް ނޫން ކަމަށެވެ. މި ދެ ބައްޔަކީ އުތުރު އެމެރިކާގައި އެންމެ ގިނައިން ފެތުރެމުން އަންނަ ދެ ބައްޔެވެ.