ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ސަބަބުން ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޅިވަރު މުބާރާތްތައް ފަސްކޮށް އެހެން ބައެއް މުބާރާތްތައް ކެންސަލްކޮށްފިއެވެ.

ގައިން ގަޔަށް އާރާ މި ބަލި ފުރަތަމަ ފެތުރެން ފެށީ ޗައިނާގެ ވުހާން ސިޓީން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި ބަލި ހަލުވި ކަމާއެކީ ފެތުރެމުން އަންނާތީ ޗައިނާ އިން މިހާރު ވަނީ ބައިނަލްއަގުވާމީ ގިނަ ކުޅިވަރު މުބާރާތްތައް ފަސް ކުރުމަށް ނިންމައިފައެވެ. އެގޮތުން މިއަހަރު އޮންނަ ޓޯކިޔޯ އޮލިމްޕިކް ގޭމްސް އަށް ވަނީ ބުރޫ އަރައިފައެވެ.

މުބާރާތްތަކުގެ ތަފްސީލްތައް:

  • އޭޝިއަން ޗެމްޕިއަންސް ލީގު- ފަސް ކުރީ އަންނަ މެއި މަހު ބޭއްވުމަށް.
  • ވޯލްޑް އެތްލެޓިކްސް އިންޑޯ ޗެމްޕިއަންސް ޝިޕް- އަންނަ އަހަރު ބޭއްވުމަށް ވަނީ ނިންމާފައި.
  • އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުން ބާއްވާ ފެޑް ކަޕް އޭޝިއާ މިހާރު ވަނީ ދުބާއީގައި ބާއްވަން ނިންމާފައި.
  • ހައިނާންގައި މާޗް 5 އިން 8 އަށް ބޭއްވުމަށް ހަމެޖެހިފައިވާ ވުމެންސް ގޯލްފް ވަނީ ކެންސަލްކޮށްފައި.
  • ފޯމިއުލާ އީގެ ހުރިހާ ރޭސްތަކެއް ވެސް ވަނީ އޭޕްރީލް މަހަށް ފަސްކޮށްފައި.
  • ބޮކްސިން ކޮލިފަޔާސް ފޯ އޭޝިއާ މާޗް މަހު ބޭއްވުމަށް ވަނީ ނިންމާފައި.
  • އިންޓަނޭޝަނަލް ބާސްކެޓް ފެޑެރޭޝަން އިން ބާއްވާ ޓޮކިޔޯ އޮލިމްޕިކްސް ކޮލިފަޔާސް ބާއްވާނީ ސާބިއާގައި.

މީގެ އިތުރުން ބެޑްމިންޓަން، ހޮކޭ ފަދަ ގިނަ ކުޅިވަރުތައް ވަނީ ކެންސަލް ކޮށްފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.