ޗައިނާގެ ވޫހާން އިން ފެނުނު ކޮރޯނާވައިރަސް ކަމަށްވާ ކޮވިޑް-19 ޖެހިގެން އިއްޔެ އެކަނި ވެސް 242 މީހުން މަރުވި ކަމަށް ޗައިނާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

މިއެންމެން ވެސް މަރުވެފައި ވަނީ ހުބެއީ ޕްރޮވިންސުންނެވެ. އެހެންކަމުން ހުބެއީ ޕްރޮވިންސުން މަރުވި މީހުންގެ އަދަދު ވަނީ 1310 އަށް އަރާފައެވެ. އަދި ބަލި ޖެހިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު ވަނީ 1335 އަަށް އަރާފައެވެ. އަދި ފިލިޕީންސާއި ހޮންކޮންގް އިން މަރުވި ދެމީހުންނާއި އެކު މުޅި ދުނިޔެއިން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1337 އަށް އަރާފައެވެ.

ހުބެއީ ޕްރޮވިންސްގެ އޮފިޝަލުން ވިދާޅުވީީ ބުދަ ދުވަހު އިތުރު 14840 މީހަކު ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހުބެއީ ޕްރޮވިންސްގައި މިހާރު ވެސް 33693 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ. މީގެ ތެރެއިން 1437 މީހެއްގެ ހާލު ސީރިއަސްއެވެ.

ބުދަ ދުވަހު ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ކަން ކަށަވަރު ކުރެވުމާއި އެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވެސް މިހާރު ވަނީ 60،015 އަށް އަރާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ކުއްލިއަކަށް އިތުރު ވެފައިވާ ކަމަށް ދައްކާފައި ވަނީ ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން ޓެސްޓް ކުރުމުގައި އާމެޓަޑެއް ބޭނުން ކުރަން ފެށުމުންނެވެ.

އަލަށް ބޭނުން ކުރަން ފެށި މެތަޑުގެ ސަބަބުން ބަލީގެ ކުޑަ ނަމަވެސް އަލާމާތެއް ހުރިނަމަ އެމީހަކު ކަރަންޓީން ކުރާނެއެވެ.

ޗައިނާ އިން އުއްމީދު ކުރަނީ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު އިތުރުވެގެން ދިޔަ ނަމަވެސް ދެހަފްތާ ދުވަސް ފަހުން މިއަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފަރުހާދު

    "ކޮވިޑް-19" މީ އެމް.ޑީ.ޕީގެ ފިކްރީ މުދަލެއް، މިބަޔަކާ ދެކޮޅަށް ދަޢުވާކުރަންފެނޭ.

    16
    7
  2. ޖަހާންގީރު

    "ކޮވިޑް-19" އެޖެންޑާ 19 ހުސް ސުންޕާ