ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނަކާއި ހިލާފަށް އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީންގެ ބިންތަކުގައި ޤާނޫނާއި ހިލާފަށް ވިޔަފާރިކޮށް މާލީ މަންފާތައް ހޯދަމުން ގެންދާ ކުންފުނިތައް އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ހާމަކޮށްފިއެވެ.

އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ހާމަކޮށްފައި ވަނީ ހުޅަނގު އައްސޭރީގައި ވިޔަފާރިކޮށް މަންފާ ހޯދަމުން އަންނަ 112 ކުންފުންޏެއްގެ މައުލޫމާތެވެ. މީގެ ތެރެއިން 94 ކުންފުންޏެއްގެ އޮފީސް އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީންގެ ބިމުގައި އެބަހުއްޓެވެ.

ފަލަސްތީންގެ ބިމުގައި ވިޔަފާރިކޮށް މާލީ މަންފާތައް ހޯދަމުން އަންނަ ކުންފުނިތައް ނިސްބަތްވަނީ އެމެރިކާ، ފްރާންސް، ލަގްޒަމްބާގް، ތައިލެންޑް އަދި އިނގިރޭސިވިލާތަށެވެ.

އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ބުނީ މިކުންފުނިތަކުން ފަލަސްތީންގެ ބިމުގައި ކުރަމުން ގެންދާ ވިޔަފާރި އަކީ ޤާނޫނާއި ހިލާފު ވިޔަފާރިއެއް ކަމަށާއި މިއީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.

ފަލަސްތީންގެ ބިމުން މާލީ މަންފާ ހޯދަމުން އަންނަ ކުންފުނިތަކުގެ ތެރެގައި އެއާބީއެންބީ، އެކްސްޕެޑިއާ، ޓްރިޕްއެޑްވައިޒާ، މޮޓޮރެލާ ފަދަ ކުންފުނިތައް ހިމެނެއެވެ. މީގެ އިތުރުން ފްރާންސްގެ އެގިސް ރެއިލް އާއި އިނގިރޭސިވިލާތުގެ ޖޭސީ ބަމްފޯޑް އެކްސްކަވޭޓާ ވެސް ހިމެނެއެވެ.

އދ.ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހުން ނެރުނު ރިޕޯޓާއި ގުޅިގެން ފަލަސްތީންގެ ފޮރިން މިނިސްޓަރ ރިޔާދް އަލް-މާލިކީ ވިދާޅުވީ މިއީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ލިބުނު ކާމިޔާބެއް ކަމަށެވެ.

ފަލަސްތީންގެ ބޮޑުވަޒީރު މުހައްމަދު ސަތައްޔާހް ވަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހިލާފަށް ފަލަސްތީންގެ ބިމުގައި ވިޔަފާރި ކުރަމުން އަންނަ ކުންފުނިތަކާއި ދެކޮޅަށް ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި އެކުންފުނިތަކުން ފަލަސްތީންގެ ބިމުގައި ހިންގަމުން އަންނަ އޮފީސްތަކާއި ބްރާންޗްތައް ބަންދު ކުރުމަށް ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.