ޗައިނާގެ ވޫހާން އިން ފެނުނު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން އިއްޔެ 242 މީހުން މަރުވެ އަދި އިތުރު 14840 މީހުން ބައްޔަށް ޕޮޒިޓިވްވި ޚަބަރާއި އެކު މިވަނީ ބޮޑު ހައިރާން ކަމެއް ލިބިފައެވެ. ބަލި އިތުރަށް ފެތުރިގެން ދިޔައީތޯ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

ޗައިނާގެ ހުބާއީ ޕްރޮވިންސްގެ އޮފިޝަލުން ވަނީ ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވެގެން ދިޔަ ސަބަބު މިއަދު ހާމަކޮށްފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ވައިރަސް ޖެހިފައިވާ ކަމަށް މިއަދު އިއުލާން ކުރި އަދަދު އިތުރުވެފައި ވަނީ ވައިރަސްގެ އަލާމާތްތައް ހުރި މީހުން ލިސްޓްގައި ހިމަނާފައި ވުމުންނެވެ. މި މީހުންނަކީ ޓެސްޓްކޮށް އެމީހުންގެ ގައިގަ ވައިރަސް ހުރިކަން ކަށަވަރު ކޮށްފައިވާ މީހުނެއް ނޫނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ބަލީގެ އަލާމާތްތައް ފެންނަ މީހުންނަކީ ޓެސްޓްތަކުން ނުދެއްކި ނަމަވެސް ބަލި ޖެހިފައިވާ މީހުން ކަމަށް ކަނޑައެޅީ ޓެސްޓް ހެދުމުގެ ކުރިން ވެސް އެމީހުންނަށް ފަރުވާ ދޭން ފެށުމުގެ ގޮތުންނެވެ.

"ބަލީގެ އަލާމާތްތައް ފެނުނު ނަމަވެސް މިހާތަނަށް ޓެސްޓުތަކުން ޕޮޒިޓިވް ކަމަށް ނުދައްކާނަމަ ކޮވިޑް-19 އަށް ހާއްސަ ފަރުވާ ދޭން ނުފަށާ. ޓެސްޓް ކުރަން ނަގާ ވަގުތުގައި ބައެއް މީހުންގެ ހާލު ދެރަވެ އަދި މަރުވެސް ވެފައި އެބަހުރި. ނަމަވެސް މިހާރު އަލަށް ގެނައި ބަދަލާއި އެކު ޓެސްޓް ނުހެދި ނަމަވެސް އެމީހުންނަށް ކޮވިޑް-19 އަށް ހާއްސަ ފަރުވާތައް ދޭން ފަށާނެ." އޮފިޝަލަކު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވަކި ހާއްސަ ބޭހެއް ނުވަތަ އިންޖެކްޝަނެއް އަދި އުފެއްދިފައެއް ނެތެވެ. ނަމަވެސް ބައެއް ބޭސްތައް އެއްކޮށްގެން ދެމުން އަންނަ ފަރުވާތަކުން ރަނގަޅު ނަތީޖާތައް ފެނިފައި އެބަހުއްޓެވެ.

ބަލި ޖެހިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު ވަނީ 1335 އަަށް އަރާފައެވެ. އަދި ފިލިޕީންސާއި ހޮންކޮންގް އިން މަރުވި ދެމީހުންނާއި އެކު މުޅި ދުނިޔެއިން ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 1337 އަށް އަރާފައެވެ.

ބުދަ ދުވަހު ގިނަ ބަޔަކަށް ކޮވިޑް-19 ޖެހިފައިވާ ކަން ކަށަވަރު ކުރެވުމާއި އެކު ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވެސް މިހާރު ވަނީ 60،015 އަށް އަރާފައެވެ.

ޗައިނާ އިން އުއްމީދު ކުރަނީ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު އިތުރުވެގެން ދިޔަ ނަމަވެސް ދެހަފްތާ ދުވަސް ފަހުން މިއަދަދު ވަރަށް ބޮޑަށް މަދުވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޟިން

  ދެން މަރުވިމީހުން ގިނަވީ ކީވެޔޯ؟؟؟ އަހަރުމެންނަށް އުންދަގޫ ޗައިނާ މީހުން ދަށްކާ ވާހަކަ ގަބޫލު ކުރަން

  37
  2
 2. ސޭކު

  ހާލުބޮޑު މީހުން މަރުވީކަމަށް ނިންމީ

  15
  1
  • މާލޭ މީހާ

   އެއީ ކުރިން މަރު ސާބިތު ނުކުރެވި ތިބި ގިނަ ޢަދަދެއްގެ މީހުންގެ މަރު ސާބިތު ކުރެވުނީ އިއްޔެ. އެހެންވެ އިއްޔެ ގިނަ މީހުން މަރުވިކަމަށް ދައްކަނީ.

   1
   1