ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން ސިންގަޕޫރުގައި 7 މީހެއްގެ ހާލު ސީރިއަސް ކަމަށް އެގައުމުން ބުނެފިއެވެ.

މިއީ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފުރަތަމަ ފެނިފައިވާ ޗައިނާ ފިޔަވައި އެންމެ ގިނަ މީހުން ހާލު ސީރިއަސް ކަމަށް ބުނާ ފުރަތަމަ ގައުމެވެ.

ސިންގަޕޫރުގެ ހެލްތް މިނިސްޓްރީން ވަނީ އެގައުމުން ފެނިފައިވާ މީހުންގެ ތެރެއިން 7 މީހެއްގެ ހާލު ސީރިއަސް ކަން ކަށަވަރު ކޮށްދީފައެވެ. އެފަރާތުން ބުނެފައިވަނީ އެ 7 މީހުން މިހާރު ތިބީ އައިސީޔުގައި އިތުރަށް ފަރުވާ ދިނުމަށްޓަކައި އެޑްމިޓް ކޮށްފައި ކަމަށެވެ.

އެގައުމުން ފެނިފައިވާ މީހުންގެ ތެރޭގައި ހިމެނެނީ މީގެ ކުރިން އެބަލި ޖެހިފައިވާ މީހުންނާއި އެކީ އުޅެފައި ނުވަތަ އާއިލާ މީހެކެވެ. އެގޮތުން ފަހުން ފާހަގަ ކުރެވިފައިވާ 8 މީހުންނަކީވެސް މީގެ ކުރިން އެ ބަލި ޖެހިފައިވާ މީހުންނާއި ދިމާވެފައިވާ މީހުންނެވެ.

ސިންގަޕޫރުން ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 58 އަށް އަރާފައިވާ އިރު އޭގެ ތެރެއިން 15 މީހަކަށް ވަނީ ފަރުވާ ދީ ދޫކޮށްލާފައެވެ. އެގައުމުން ބުނެފައިވަނީ އެ 15 މީހުންވެސް މިހާރު ރަނގަޅު ވެފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސް ފުރަތަމަ ފެތުރެން ފަށާފައިވަނީ ޗައިނާގެ ވުހާން ސިޓީންނެވެ. މި ބަލީގެ ސަބަބުން މިހާތަނަށް 1000 އަށް ވުރެ ގިނަ މީހިން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޗައިނާ އިން މަރުވި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު