ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާއި ހުރެ ކަނޑުމަތީ 2 ހަފްތާވަންދެން ދަތުރު ކުރި ކްރޫޒްޝިޕް އެންމެ ފަހުން ކެމްބޯޑިއާއަށް ބަނދަރު ކޮށްފިއެވެ.

"އެމްއެސް ވެސްޓަޑަމް" ނަމުން ނަން ދީފައިވާ މި ކްރޫޒްޝިޕް ވަނީ މީގެ ކުރިން ހަތަރު ގައުމަކަށް ބަނދަރު ކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެން ނަމަވެސް ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ބިރުވެރިކަން އޮތުމުން އެއްވެސް ގައުމަކުން އެ ކްރޫޒްޝިޕް ބަނދަރު ކުރުމުގެ ހުއްދައެއް ނުދެއެވެ.

މި ކްރޫޒްޝިޕް ބަނދަރު ކުރަން ހުއްދަ ނުދިން ގައުމު ތަކުގެ ތެރޭގައި ހިމެނެނީ ޓައިވާން، ގުއާމް، ފިލިޕިންސް އަދި ޖަޕާނެވެ.

ގިނަ ގައުމެއްގައި ބަނދަރުކުރަން މަސައްކަތް ކުރުމަށްފަހު މި ކްރޫޒްލައިނާ އެންމެ ފަހުން ބަނދަރު ކުރަން މަސައްކަތް ކޮށްފައިވަނީ ބެންކޮކުގެ ބަނދަރުގައެވެ. އެހެން ނަމަވެސް އެގައުމުގެ ސަރުކާރުން ހުއްދަ ނުދިނުމުން ވަނީ ކެމްބޯޑިއާއަށް ބަނދަރު ކޮށްފައެވެ.

2000 މީހުން ތިބި އެމްއެސް ވެސްޓަޑަމް އިން އެއްވެސް މީހަކު މި ނުރައްކާތެރި ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެހެން ކަމުން ގިނަ ގައުމުތަކުން ބުނެފައިވަނީ އެ ބޯޓުގައި ތިބި މީހުންގެ ސަލާމަތައްވެސް ވިސްނަން ޖެހޭ ކަމަށެވެ.

"އެމްއެސް ވެސްޓަޑަމް" އަކީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ހޮލެންޑް އެމެރިކާ ލައިން އިން އޮޕަރޭޓް ކުރާ ކްރޫޒްޝިޕް އެކެވެ. ގިނަ އަދަދެއްގެ ޕަސެންޖަރުންގެ އިތުރުން ފަޅުވެރިން ހިމަނައިގެން ހޮންކޮންގުން ދަތުރު ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

ކޮވިޑް-19 ފެތުރެމުން އަންނާތީ ގިނަ ގައުތަކުން ވަނީ ބައެއް ކްރޫޒްޝިޕްތަކުގައި ތިބި މީހުން ކަރަންޓީން ކޮށްފައެވެ. އެގޮތުން ޖަޕާނުގައި ކަރަންޓީން ކޮށްފައިވާ ޑައިމަންޑް ޕްރިންސެސް ހިމެނެއެވެ. އެ ކްރޫޒްޝިޕުން މިހާތަނަށް ވަނީ 200 އަށް ވުރެ ގިނަ މީހުން މި ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު