އިރާގުގައި އެމެރިކާ ސިފައިން ތިބި މަރުކަޒަކަށް ހަމަލާ ދީފިއެވެ.

ކިރުކުކްގައި ހުންނަ ކޭ-01 މަރުކަޒަށް ދީފައި ވަނީ ރޮކެޓް ހަމަލާ ތަކެކެވެ. އެ މަރުކަޒަށް ވަނީ ދެ ރޮކެޓް ހަަމަލާ ދީފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހަމަލާތަކުގައި މީހަކަށް އަދި ތަނަކަށް ވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ލިބިފައެއް ނެތެވެ.

އިރާޤުގެ މީޑިއާތަކުން ބުނާ ގޮތުގައި ހަމަލާ ދީފައި ވަނީ އިރާޤު ގަޑިން ރޭގެ އިރާކޮޅުއެވެ. ހަމަލާގެ ފަހަތުގައި ތިބީ ކޮންބައެއް ކަން އަދި ނޭނގެއެވެ. ނަމަވެސް ތުހުމަތު ކުރެވޭ ގޮތުގައި މިއި ވެސް އިރާޤުގައި ހަރަކާތްތެރިވާ ޝީޢީ ހަނގުރާމަވެރިންގެ ޖަމާޢާތް ކަތައިބް ހިޒްބުﷲ ގެ ހަމަލާ އެކެވެ.

ކޭ-01 އަސްކަރީ މަރުކަޒަށް މިދިޔަ އަހަރުގެ ޑިސެމްބަރ 27 ވަނަ ދުވަހުން ފެށިގެން އެކިފަހަރު މަތިން މިހާތަނަށް 30 ވަރަކަށް ރޮކެޓް ހަމަލާ ދީފައިވެއެވެ. އެއިން އެއް ހަމަލާއެއްގައި އެމެރިކާގެ ކޮންޓެކްޓަރަކު ވެސް މަރުވެފައި ވެއެވެ.

އެމެރިކާ އިން ކުރިން ބުނެފައިވާ ގޮތުގައި މިއީ ޝީޢީ ހަނގުރާމަވެރިންގެ ޖަމާޢާތް ކަތައިބް ހިޒްބުﷲ ގެ ހަމަލާތަކެކެވެ.

ކިރުކްގައި ހުންނަ ކޭ-01 އަސްކަރީ މަރުކަޒަކީ އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދުވަސްވަރު ބިނާކުރި އަސްކަރީ މަރުކަޒެކެވެ. 2014 ވަނަ އަހަރު އައިއެސްގެ ހަނގުރާމަ ވެރިން އެމަރުކަޒު ހިފިއެވެ.

ޖަނަވަރީ މަހުގެ 03 ވަނަ ދުވަހު އެމެރިކާ އިން އީރާންގެ އިސް ކޮމާންޑަރަކު އަވަހާރަކޮށްލި ފަހުން އިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ އެމްބަސީއަށް ދަނީ ދޭތެރެ ދޭތެރެއިން ހަމަލާތައް އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބިޔާއްކަލޯ

    ﷲ އަކުބަރު

    35
    1
  2. ހަގީގަތް

    އެމަރިކާ އަކީ މަކަރު ވެރި ބައެއް.. މަރު ވިޔަސް ހާމައެއް ނުކުރާނެ..އެއީ ދުނިޔޭގެ މީހުން ކުރިމަތީގައި ފަޞީހަތް ވެދާނެތީ..އެންމެފަހުން އީރާނުން ދިން މިސައިލް ހަމަލާ ގައި ވެސް އެތެއް ދޮގު ތަކެއް ހެދި..މިހާރު ބުނަނީ 109 ސިފައިން ޒަހަމް ވެ ސިކުނޑި އަށް ބޮޑު ގެއްލުން ތަކެއް ވިޔޭ... އަހަންނަށް ޔަގީން 80 ސިފައިން މަރު ވިކަން..ތި މީހުން ފޮރު ވަނީ ކަންތައްތައް..