ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު 1486 އަށް އަރައިފިއެވެ. މަރުވި މީހުންގެ އަދަދު 1400 ފަހަނައަޅައި ގޮސްފައި ވަނީ އިއްޔެ އެކަނިވެސް ޗައިނާ އިން މިބަލީގައި 116 މީހުން މަރުވުމުންނެވެ. އަދި ޖަޕާނުން ވެސް އިއްޔެ ވަނީ މީހަކު މަރުވެފައެވެ.

ހުބެއީ ޕްރޮވިންސުން އިއްޔެ 4823 މީހަކަށް ކޮވިޑް-19 އިއްޔެ ޖެހިފައި ވެއެވެ.

އެސަރަހައްދުގެ ހޮސްޕިޓަލްތަކުގައި 36719 މީހުން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 1685 މީހުންގެ ހާލު ސީރިއަސްއެވެ. މިހާތަނަށް 4131 މީހަކު ވަނީ ބަލިން ރަނގަޅު ވުމުން ދޫކޮށްލާފައެވެ.

ވައިރަސް ފެނުނު ހުރިހާ ސަރަހައްދަކުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ މިހާރު ވަނީ 65191 އަށް އަރާފައެވެ.

ވައިރަސް ޖެހުނު މީހުން ކަމަށް ޗައިނާ އިން މިހާރު ނިންމަމުން ގެންދަނީ ވައިރަސްގެ އަލާމާތްތައް ފެންނަން މީހުންނެވެ. ވައިރަސް ޖެހިފައި ހުރިތޯ ބަލަން ޓެސްޓް ނުކުރި ނަމަވެސް އަލާމާތްތައް ފެންނަނަމަ އެއީ ވައިރަސް ޖެހިފައި ހުރި މީހެއް ކަމަށް ނިންމާ އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް-19 ގެ ނަން މިހާރު ދީފައިވާ ކޮރޯނާވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. ޖަނަވަރީ މަހުގެ ފަހުކޮޅު ބަލި ވަރަށް ބޮޑަށް ފެތުރި ޗައިނާ އިން އެހެން ގައުމުތަކަށް ދަތުރު ކުރާ މީހުން ވެސް މިހާރު ވަނީ ހުއްޓުވާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މުޅި ދުނިޔޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާން ކޮށްފައެވެ.