ޖޯޖިއާގަައި 8 މެމްބަރުންގެ އާއިލާ އެއް ދިރިއުޅެމުން އައި ގެއެއްގައި އަލިފާން ރޯވުމުން އެގޭގައި އުޅުނު އުމުރުން އެންމެ 5 އަހަރުގެ ފިރިހެން ކުއްޖާގެ ބިރުވެރިކުޑަ ކަމުގެ އަމަލުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

ދަންވަރުގެ ވަގުތެއްގައި އެގޭ އަލިފާން ރޯވިއިރު، 5 އަހަރުގެ ނޯއާ ވޫޑްސް އަށް ހޭލެވުނީ މުޅި ގޭތެރޭގައި ދުން ބޯ ވުމުންނެވެ. މިއާއިއެކު ނޯވާ ވަނީ ބަލަން ނުހުރެ، އެ ކޮޓަރީގައި ނިދާ އޭނާގެ 2 އަހަރުގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ އުރާލައިގެން ކުޑަދޮރުން ނިކުމެ ކޮއްކޮގެ ފުރާނަ ސަލާމަތްކޮށްފައެވެ.

އެހިސާބުން އަދި ނިމުނީ އެއް ނޫނެވެ. ކޮއްކޮ ސަލާމަތް ކޮށްފައި ދެން އޭނާ ވަނީ އަވަށްޓެރިއެއްގެ އެހީއާއި ގޭގައި ދެންތިބި މީހުންނަށް ގޮވައި، އެމީހުންވެސް ގެއިން ސަލާމަތްކޮށްފައެވެ.

ނޯއާގެ މި ހިތްވަރުގަދަ އަމަލުން އެ ގައުމުގެ ފަޔާފައިޓަރުން ވަނީ އޭނާ އަށް ލައިފްސޭވާ އެވޯޑު ދޭން ނިންމާފައެވެ. އާއްމުގޮތެއްގައި މި އެވޯޑު ލިބެނީ އެންމެ ޕްރޮފެޝަނަލް ފަޔާފައިޓަރުންނަށް ނަމަވެސް، ނޯއާ މިވަނީ އެންމެ 5 އަހަރުގައި މި އެވޯޑު އޭނާ އަށް ހައްގުކަން ސާބިތުކޮށްދީފައެވެ.

އަލިފާނުގެ ހާދިސާގައި ނޯއާ ދިރިއުޅުނު ގެ އެއްކޮށް އަޅިއަށް ވުމުން އެ ސަރަހައްދުގެ މީހުން ވަނީ އެ އާއިލާ އަށް ލިބުނު ގެއްލުމުން އަރައިގަނެވެންދެން އެމީހުންނަށް އެހީތެރިވާން ނިންމާފައެވެ.