މިސްރުން ކޮވިޑް-19 ފެނިއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން އިން އަލަށް ފެނުނު ކޮރޯނާވައިރަސް މިހާރު ކިޔާ ގޮތުންނަމަ ކޮވިޑް-19 އަށް މިސްރުން ޕޮޒިޓިވް ވެފައި ވަނީ ގައުމުން ބޭރު މީހެއް ކަމަށް މިސްރު ސަރުކާރުން ބުނެއެވެ.

ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމެއް މިސްރު ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިސްރުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ކޮރޯނާ ވައިރަސްއަށް ގައުމުން ބޭރު މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް މިސްރު ސަރުކާރުން ހާމައެއް ނުކުރެއެވެ.

މިސްރުން ކޮވިޑް-19 ފެނުމާއި އެކު ކޮވިޑް-19 ފެނުނު ގައުމުތަކުގެ އަދަދު މިހާރު ވަނީ 26 އަށް އަރާފައެވެ. ޗައިނާ ފިޔަވައި މިހާތަނަށް އެހެން ގައުމުތަކުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 526 އަށް އަރާފައެވެ.

މިސްރަކީ މެދުއިރުމައްޗާއި އެފްރިކާ ބައްރު ގުޅުވައިދޭ އިމުގައި އޮންނަ ގައުމެކެވެ. އެފްރިކާގެ ގައުމެއް ކަމަށްވާ ސޫދާނާއި މިހާރު ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައި އޮތް ލީބިޔާއާ މިސްރުން ބޯޑަރު ހިއްސާ ކުރެއެވެ. އެހެންކަމުން މިސްރުގައި ވައިރަސް ފެތުރިގެން ހިނގައްޖެނަމަ އެކަމުގެ ނުރައްކާ އެފްރިކާ ބައްރަށް ފެތުރި އިތުރު އެތައް ބަޔަކަށް ވައިރަސް ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ޑަބްލިއުއެޗްއޯ އިން ތަކުރާރުކޮށް ބުނަމުން އަންނަނީ އެންމެ ބޮޑު ކަންބޮޑުވުމަކީ ސިއްހީ ޚިދުމަތްތައް ދަށް ގައުމުތަކަށް ވައިރަސް ފެތުރިދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮނަވިހި

    ތިޔަ ނަވާރައިގެ ނުރައްކާ ފެށުނީ ދިވެހިރާއްޖެއިން. އޭގެ ފަހުން ފެތުރެން ފެށީ. ނަވާރަ ބައްޔަކަށްވެ ގައިންގަޔަށް އަރާ ހިސާބަށް ތަރައްގީވެގެން ދިޔައީ ދޮޅުއަހަރެއްހާ ދުވަސް ފަހުން. އެ ނަވާރަ ބަލި ބައްޔަކަށްވެ ގައިންގަޔަށް އަރާ ހިސާބަށް ގޮސް މި ޖެހުނީވެސް ރާއްޖެއަށް އެންމެ ގިނަ މީހުން އަންނަ ޗައިނާގެ މީހުންނަށް.

    4
    3
  2. ބްރޯ

    ކޮވިޑް -19 އާއި އެޖެންޑާ -19 މިއީ ތިމާގެ ކަންހުރި ދޭތި ބާ؟

    4
    3