ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި "ކޮވިޑް-19" އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 67100 އަށްވުރެ އިތުރުވެ، މި ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 1500 އަށް އަރައިފިއެވެ.

މި ނުރައްކާތެރި ވައިރަސް އާއި ގުޅިގެން އިދާރާތަކުން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް މި ވައިރަސް ޖެހުނު މީހުންގެ އަދަދު 67100 އަށް އަރައެވެ. އަދި މަރުވި މީހުންގެ އަދަދު 1506 އަށް އަރާއިރު، މިހާތަނަށް މި ބަލިން ސަލާމަތްވެފައި ވަނީ 8206 މީހެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވައިރަސް ޖެހިފައިވާ އެތައް ހާސް ބައެއްގެ ތެރެއިން 11053 މީހަކު ތިބީ ސީރިއަސް ހާލަތުގައެވެ.

މިހާތަނަށް ދުނިޔޭގެ 29 ޤައުމަކުން "ކޮވިޑް-19" ވައިރަސް ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިފައިވާ މީހުން ފެންނަމުން ދަނީ ޗައިނާއިންނެވެ. ޗައިނާއިން އެކަނިވެސް މި ވައިރަސްގެ 66492 ކޭސް މިހާތަނަށް ވަނީ ފެންމަތިވެފައެވެ. ދެވަނަ އަށް މި ވައިރަސް އެންމެ ގިނައިން ފެނުނު ޤައުމަކަށް ޖަޕާން ވެފައިވާއިރު، އެޤައުމުން މިހާތަނަށް 259 މީހަކު ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ. ތިންވަނައަށް މި ވައިރަސް އެންމެ ގިނައިން ފެނުނު ޤައުމަކީ ސިންގަޕޫރެވެ. އެޤައުމުން މިހާތަނަށް 67 މީހަކު މި ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ.

އިއްޔެ އެކަނިވެސް ކޮވިޑް ވައިރަސްގެ އާ ކޭސްތަކެއް ޖަޕާން، ހޮންގްކޮންގް އަދި ސިންގަޕޫރުގެ އިތުރުން މިސްރާއި އެފްރިކާއިން ފެންމަތިވެފައި ވެއެވެ. މީގެ ތެރެއިން އެފްރިކާ އާއި މިސްރުން އިއްޔެ ފެނުނު ކޭސްތަކަކީ އެ ޤައުމުތަކުން ފެނުނު "ކޮވިޑް-19" ގެ ފުރަތަމަ ކޭސްތައްކަން ފާހަގަކޮށްލެވެއެވެ.

ޗައިނާގެ ހުބޭއި ޕްރޮވިންސުން އިއްޔެ އެކަނިވެސް 139 މީހަކު މަރުވެފައި ވެއެވެ. އަދި އެދުވަހު އެކަނިވެސް 2420 މީހަކު "ކޮވިޑް-19" އަށް ޕޮޒިޓިވް ވެފައި ވެއެވެ.

ނުރައްކާތެރި "ކޮވިޑް-19" އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކަންބޮޑުވާހައި ހަލުވިކަމާއެކު މި ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާތީ، ޗައިނާއިން އެހެން ޤައުމުތަކަށް ދަތުރުކުރާ މީހުންވެސް މިހާރު ވަނީ ހުއްޓުވާފައެވެ. މި ވައިރަސްގެ ނުރައްކަލާއި ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ދުނިޔެއަށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް ދުނިޔޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި ވައިރަސް އެވެ.

ކިޔުންތެރިންގެ ހިޔާލު