ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19) ޖެހުނު ހެލްތު ވޯކަރުންގެ އަދަދު 1700 އަށް އަރާފައިވާ ކަމަށް ޗައިނާއިން ބުނެފިއެވެ.

އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަންގެ ވައިސް މިނިސްޓަރ ޒެންގް ޔިޒިން ބުނެފައިވާ ގޮތުގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވަމުން ދިޔަ 1716 ހެލްތު ވޯކަރަކަށް މިހާތަނަށް މި ވައިރަސް ވަނީ ޖެހިފައެވެ. އޭގެތެރެއިން ހަ މީހަކު މަރުވެފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޗައިނާއިން ކޮރޯނާ ވައިރަސް ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވާ ޑޮކަޓަރުންނާއި ނަރުހުން ހިމެނޭހެން އެޤައުމުގެ ގިނަ އަދަދެއްގެ ހެލްތު ވޯކަރުންނަށް ވައިރަސްގެ އަސަރު ކޮށްފައިވަނީ ވައިރަސްގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ދިއުމާއެކު ވައިރަސްއިން ރައްކާތެރިވުމަށް އެންމެ އެކަށީގެންވާ "ޕްރޮޓެކްޓިވް ގިއަރު" ލިބުމުގެ ދަތިކަން ބޮޑުވެފައި ވަނިކޮށެވެ.

ޗައިނާގެ އެތައް ހާސް ބަޔަކަށް މި ވައިރަސް މިހާރު ޖެހިފައިވާއިރު އެފަރާތްތަކަށް ފަރުވާދިނުމަށް ހަރަކާތްތެރިވާ އޮފިޝަލުންގެ އަދަދު ވެސް މަދެވެ. އެއީ އެހައި ނުރައްކާތެރި މާހައުލުތަކުގައި މަސައްކަތް ކުރުމަށް އެންމެ އެކަށީގެންވާ ރައްކާތެރިކަން ލިއްބައިދޭ ގިއަރު ލިބުން ދަތިވުން ކަމަށް ވަނީ ބެލެވިފައެވެ.

މިހާތަނަށް ދުނިޔޭގެ 29 ޤައުމަކުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު، އެންމެ ގިނަ އަދަދަކަށް މި ވައިރަސް ޖެހިފައިވާ މީހުން ފެންނަމުން ދަނީ ޗައިނާއިންނެވެ. ޗައިނާއިން އެކަނިވެސް މި ވައިރަސްގެ 63866 ކޭސް މިހާތަނަށް ވަނީ ފެންމަތިވެފައެވެ. ޗައިނާގެ ހުބޭއި ޕްރޮވިންސުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 116 މީހަކު މަރުވެފައި ވެއެވެ. އަދި އެދުވަހު އެކަނިވެސް 4823 މީހަކު ވައިރަސް އަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ހުއާން ސިޓީގެ މަސް މާރުކޭޓަކުންނެވެ. އެ ސަރަޙައްދުން ވައިރަސް ފެނުނުތާ ގިނަ ދުވަސްތަކެއް ނުވަނީސް ވައިރަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރިފައެވެ. އެންމެ ފުރަތަމަ މި ވައިރަސް ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު