އެފްރިކާއަށް ނޮވެލް ކޮރޯނާވައިރަސް ކޮވިޑް-19 ފެތުރިއްޖެނަމަ 10 މިލިއަން މީހުން މަރުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ދެއްވައިފިއެވެ.

އެފްރިކާގެ ސިއްހީ ކަންތައްތަކަށް އަމިއްލަ ގޮތުން އެތައް ހޭދައެއް ކުރައްވާފައިވާ ގޭޓްސް މިހެން ވިދާޅުވީ އެމެރިކާގެ ސައިންސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިދިޔަ ހުކުރު ދުވަހު އެވެ.

މިސްރުގެ ގާހިރާ އިން ވައިރަސް އަށް މީހަކު ޕޮޒިޓިވްވިކަން އިއުލާން ކުރުމުގެ އިރުކޮޅެއް ކުރިން ގޭޓްސް ވިދާޅުވީ އެފްރިކާގެ ހާލަތު އޮތްގޮތުން އެފްރިކާގައި ވައިރަސް ފެތުރެން ފަށައިފިނަމަ ދެން ވައިރަސް ކޮންޓްރޯލް ކުރުން އެއީ ފަސޭހައިން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެފްރިކާގެ އިތުރުން ދެކުނު އޭޝިއާގެ ގައުމުތަކުގައި ވައިރަސް ފެތުރުނަސް ނުރައްކާތެރިކަން ބޮޑުވާނެ ކަމަށް ގޭޓްސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ވަރަށް ބޮޑު ގޮންޖެހުމެއް. އަޅުގަނޑުމެންނަށް އެބައެނގޭ ވަސީލަތްތައް ހުރި މިންވަރު. އެފްރިކާގައި ބަލި ފެތުރެން ފަށައިފިނަމަ ދެން ކުރިމަތިވެދާނެ ކަންތައްތައް އަންދާސާ ކުރެވިދާނެ. އެފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ދިހަ ވަރަކަށް މިލިއަން މީހުން މަރުވެގެން ދިއުން ގާތް." ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް ވިދާޅުވީ ބައްޔެއް ދުނިޔޭގައި މިފަދަ ގޮތަކަށް ފެތުރިގެން ހިނގައިދާނެ ކަމަށް ބަލައި އަދިވެސް އެކަށީގެންވާ މިންވަރާއި ގާތައް ވެސް ދުނިޔެ ތައްޔާރެއް ނުވެއެވެ.

"ބައްޔަށް ޓެސްޓް ކުރެވޭނެ ވަސީލަތްތައް ތަރައްޤީ ކުރުން އިތުރު ކުރަން އެބަޖެހޭ." ގޭޓްސް ވިދާޅުވިއެވެ.

ގޭޓްސް އާއި އޭނާގެ އަނބިކަނބަލުން މެލިންޑާގެ ފައުންޑޭޝަނުން ވަނީ ކޮވިޑް-19 އާއި ހަނގުރާމަ ކުރުމަށް 100 މިލިއަން އެމެރިކާ ޑޮަލރު މިހާރު ވެސް ހަދިޔާ ކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން އެފްރިކާ އިން 10 މިލިއަން މީހުން މަރުވެދާނެ ކަމަށް ގޭޓްސް ވިދާޅުވިއިރު ޑަބްލިއުއެޗްއޯ އިން ވެސް ވަނީ އެކަށީގެންވާ ސިއްހީ ޚިދުމަތްތަކެއް ލިބެން ނެތް ގައުމުތަކުގައި ބަލި ފެތުރިއްޖެނަމަ ނުރައްކާތެރިކަން ވަރަށް ބޮޑުވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަހުލު

    ބިލްގޭޓްސް އަކަށް ނޭނގޭނެ. އެރަށުގައި ގުނޫތު ކިޔަން ފަށާ އަވަހަށް

    26
    20
    • ސަމްސިއްޔާ

      ގުނޫތުކިއުމަށް ޑިސްލައިކް ކުރުން އަދި މާގޯސްދޯ. މިފަދަ މުސީބާތްތަކުން ސަލާމާތް ވުމަށް ގުނޫތު ކިއުމަށް ވަނީ އަންގަވާފައި، އަދި އެގޮތަށް އަމަލު ކުރައްވަވާފައިވެސް އެބަހުރި.

      16
      11
  2. ކަށި

    ބައްޔަށް ބޭސް ފަރުވާ ހޯދުމަށް އިސްލާމްދީނުގައި ބާރު އަޅުއްވައެވެ.

    10
    1
  3. ޑޮންޑޮން

    މީހަކު ގުނޫތު ކިޔަންބުނެފަ ކޮމެންޓު ކުރީމަ އެއައް ޑިސްލައިކު ދޭއިރު ގުނޫތަކީ ކިހާވަރުގެ އެއްޗެއްކަން އަގޭތަ...ގުނޫތުގެ ހުރި މާތްކަމާެި މަތިވެރިކަން ނޭގެނީތަ.... މާތްﷲ އަޅަމެންގެ ފާފަ ފުއްސަވައި ތެދުމަގު ދައްކަވާށި...އާމީން.

    7
    2