ފަހުގެ ތާރީޚެއްގައި ދުނިޔޭގައި އުފެދުނު އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ އެލްޗަޕޯ ޖަލަށް ލާފައި ހުންނަތާ ހަތަރު އަހަރު ފަހުން ފުރަތަމަ ފަހަރަށް އޭނާގެ ވީޑިއޯއެއް އާއްމުކޮށްފިއެވެ.

ޖަލު ޔުނީފޯމްގައި ތުނިކޮށް ބޯކޮށާފައި ހުރި އެލްޗަޕޯގެ ވީޑިއޯ އިން ފެންނަނީ ޖަލުގެ އޮފިސަރަކު އޭނާ އާއި ސުވާލު ކުރަމުންދާ މަންޒަރެވެ. އޭރު އެލްޗަޕޯ ހުންނަނީ އިނގިލީގެ ނިޝާން ޖެހުމަށް ފަހު އިނގިލިތައް ސާފު ކުރާށެވެ. އޭނާގެ މޫނު މަތިން އެއްވެސް ހާސްކަމެއް، އެއްވެސް ކަންބޮޑުވުމެއް ފެންނާކަށް ނެތެވެ.

ވީޑިއޯގައި ފެންނަނީ އާއްމުގޮތެއްގައި ހުރިހާ ގައިދީންނާއި ވެސް ކުރާ ރޫޓިން ސުވާލުތަކެއް ކުރާ މަންޒަރެވެ. ނަން ބުނުމަށް ފަހު ކުރަނީ ކޮން މަސައްކަތެއްތޯ ސުވާލު ކުރުމުން އެލްޗަޕޯ ބުނީ އޭނާ އަކީ "ދަނޑުވެރިއެއް" ކަމަށެވެ.

އެމެރިކާގެ ޖަލެއްގައި މިހާރު ހުރި އެލްޗަޕޯ ފާހަގަ ކުރެވެނީ ހަމައެކަނި އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާގެ ގޮތަކު ނޫނެވެ. އޭނާ ހައްޔަރު ކުރުމުން ޖަލުން ފިލައިގެން ގޮސްފައިވާ ގޮތުގެ ސަބަބުން އޭނާގެ ވަރުގަދަކަމާއި ބާރު ވަޒަން ކުރެވެއެވެ.

މެކްސިކޯ އިން ފުރަތަމަ އޭނާ ހައްޔަރު ކުރުމުން އޭނާ ޖަލުން ފިލީ ޑަސްބިނަކަށް އެރިގެންނެވެ. ދެވަނަ ފަހަރު އޭނާ ޖަލުން ފިލީ އޭނާ ހުރި ގޮޅި އާއި ދިމާލުން ދިގު މަގެއް ކޮނެގެންނެވެ. އެމަގު ކޮނެފައި ވަނީ އޭނާ ނިސްބަތްވާ ގޭންގްގެ މެންބަރުންނެވެ.

ދެފަހަރު ޖަލުން ފިލައިގެން ދިއުމުން މެކްސިކޯ އިން ނިންމީ އެލްޗަޕޯ ޖަލެއްގައި ބެލެހެއްޓުމަކީ މެކްސިކޯ އަށް ކުރެވޭވަރުގެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އޭނާ އެމެރިކާ އާއި ވަނީ ހަވާލު ކޮށްފައެވެ.