އިއްޔެ ކޮވިޑް-19 އަށް ޗައިނާގެ ހުބެއީ ޕްރޮވިންސުން ޕޮޒިޓިވްވި މީހުންގެ އަދަދު އާދަޔާއި ހިލާފަށް މަދުވެއްޖެ ކަމަށް ޗައިނާ އިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ކޮވިޑް-19 އަށް ހުބެއީ ޕްރޮވިންސުން ޕޮޒިޓިވްވީ 349 މީހުންނެވެ. މިއީ ފާއިތުވި ހަފްތާތަކަށް ބަލާއިރު ވެސް ބަލި ޖެހުނު މީހުންގެ އަދަދު އެންމެ ބޮޑަށް މަދުވި ދުވަހެވެ.

ހެލްތު ކައުންސިލުން ބުނީ ބަލި ޖެހުނު މީހުންގެ އަދަދު މަދުވެފައި ވަނީ ބަލި ޖެހިފައިވާ ކަމަށް ކަނޑައަޅާ މިންގަނޑަށް ބަދަލު ގެނައުމުން ކަމަށެވެ. މިހާރު ނިންމާފައި ވަނީ ލެބޯޓްރީ ޓެސްޓުތަކުން ޕޮޒިޓިވް ވުމުން ނޫނީ އެއީ ވައިރަސް ޖެހިފައިވާ މީހެއް ކަމަށް ނުނިންމަންށެވެ. ކުރިން ވެސް އަމަލު ކުރަމުން އައީ އެއުސޫލަށެވެ.

ނަމަވެސް މިދިޔަ ހަފްތާއި އެއުސޫލު ބަދަލުކޮށް ބަލީގެ އަލާމާތްތައް ފެންނަނަމަ އެއީ ބަލި ޖެހިފައިވާ މީހެއް ކަމަށް ޑޮކްޓަރުން ނިންމަން ފެށިއެވެ. އެއާއި އެކު ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވެސް ވިއެވެ.

ހުބެއީ ޕްރޮވިންސުން މިހާތަނަށް ބަލިން ރަނގަޅު ވެގެން 10000 އަށް ވުރެ ގިނަ މީހުން ދޫކޮށްލާފައިވާ ކަމަށް ވެސް އޮފިޝަލުން ވިދާޅުވެއެވެ.

ކޮވިޑް-19 ޖެހިގެން ބުދަ ދުވަހު 108 މީހުން ހުބެއީ ޕްރޮވިންސުން މަރުވިއެވެ.

ޗައިނާ އިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 2112 އަށް އަރާފައެވެ. އަދި އިއްޔެ އީރާނުން މަރުވި ދެމީހުންނާއި އެކު ބަލި ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ އަދަދު ވަނީ 2120 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްދޫ މީހާ

    އަލްހަމްދުﷲ

    12