ކޮވިޑް-19 ފެތުރެމުން ދާތީ ވިއެޓްނާމްގެ 10000 މީހުން ކަރަންޓީން ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވިއެޓްނާމް އިން ގިނަ ބަޔަކު ކަރަންޓީން ކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. 20 ދުވަސް ވަންދެން މިހުރިހާ އެންމެން ކަރަންޓީންގައި ބައިތިއްބަން ވިއެޓްނާމް ސަރުކާރުން ވަނީ ނިންމާފައެވެ.

ހުރިހާ އެންމެން ވެސް ކަރަންޓީން ކޮށްފައި ވަނީ ހަނޯއީ އާއި 44 ކިލޯމީޓަރު ދުރުގައި އޮންނަ ސަން ލޯއީ ނަމަކަށް ކިޔާ އަވަށުގައެވެ. ވިއެޓްނާމް އިން މިހާތަނަށް ވައިރަސް އަށް ޕޮޒިޓިވްވި 16 މީހުންގެ ތެރެއިން 11 މީހުންނަކީ ސަން ލޯއީ އަވަށުގެ މީހުންނެވެ. އޭގެ ތެރޭގައި ތިން މަހުގެ ކުއްޖެއް ވެސް ހިމެނެއެވެ.

ސަން ލޯއީ އަކީ ފަގީރުން ގިނަ އަވަށެކެވެ. އެއަވަށުގައި މީހުން މަގުމައްޗަށް ނިކުމެ އުޅުން މަނާކޮށް ފުލުހުން މިހާރު ވަނީ އަވަށުގެ އެކި ސަރަހައްދުތަކުގައި ޗެޕް ޕޮއިންޓްތައް ވެސް ޖަހާފައެވެ. އެއީ ކޮންމެހެން ނިކުންނަން ޖެހިގެން ނޫން ގޮަތަކަށް މީހަކު ގެއިން ނިކުމެ އުޅޭތޯ ޗެކް ކުރުމަށެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ ވިއެޓްނާމް އިން ވަނީ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ޗައިނާ އަށް ދަތުރުކުރާ ހުރިހާ ފްލައިޓް ދަތުރުތަކެއް ވެސް ހުއްޓާލާފައެވެ. އަދި ހަނޯއީ ފިޔަވައި އެގެން ސިޓީތަކުގެ ހުރިހާ ސްކޫލަކާއި ޔުނިވަސިޓީއެއް ވަނީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ބަންދުކޮށްފައެވެ.

ކޮވިޑް-19 އަށް ޗައިނާ އިން ޕޮޒިޓްވި މީހުންގެ އަދަދު އިއްޔެ މަދުވި ނަމަވެސް މިއަދު ދެކުނު ކޮރެއާ އިން އިތުރު 53 މީހަކު ވައިރަސް އަށް ޕޮޒިޓިވް ވުމުން މިހާރު ވަނީ ވަރަށް ބޮޑު ބިރުވެރިކަމެއް އުފެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު