ކޮވިޑް-19 ޖެހިގެން އިތުރު 115 މީހަކު މަރުވެއްޖެ ކަމަށް ޗައިނާ އިން ބުނެފިއެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކައުންސިލުން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހުބެއީ ޕްރޮވިންސުން އިއްޔެ ވަނީ އިތުރު 411 މީހަކަށް ކޮވިޑް-19 ޖެހިފައެވެ. މިއީ އޭގެ ކުރީ ދުވަހަށް ވުރެ އިތުރު އަދަދެއް ނަމަވެސް ކޮވިޑް-19 ފެތުރެން ފެށިފަހުން ކޮންމެ ދުވަހަކު ބަލި ޖެހެމުން އައި މީހުންގެ އަދަދަށް ބަލާއިރު މަދު އަދަދެކެވެ.

ހުބެއީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 62442 އަށް އަރާފައެވެ. ޗައިނާ އިން މަރުވި މީހުންގެ އަދަދު މިހާރު 2233 އަށް އަރާފައި ވާއިރު އިތުރު ހަތް ގައުމަކުން 11 މީހަކު ވަނީ މަރުވެފައެވެ.

އެއީ ޖަޕާނުން ތިން މީހުން، ހޮންކޮންގާއި އީރާނުން ދެމީހުން އަދި ޓައިވާން، ފިލިޕީންސް ދެކުނު ކޮރެއާ، ފްރާންސް ކޮންމެ ގައުމަކުން އެކަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 ފެތުރެމުން އަންނަތާ ދެމަސް ދުވަސް ވެފައި ވާއިރު މިހާރު ބައެއް ސައިންސްވެރިން ބުނާ ގޮތުގައި މިވަނީ ކޮވިޑް-19 ގެ ޕީކަށް ދިއުމަށް ފަހު ބަލި ފެތުރުން މަޑު ޖެހެން ފަށާފައެވެ.

އެހެން ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި ބަލި ފެތުރުން މަޑު ޖެހިއްޖެ ކަމަށް ނިންމަން އަދި މާއަވަހެވެ. ބައްޔާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް އެގޮތުގައި ދަމަހައްޓަން ޑަބްލިއުއެޗްއޯ އިން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު