ޗައިނާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ތެރޭގައި އުމުރުން 29 އަހަރުގެ ޗައިނާއަށް ނިސްބަތްވާ މި ޑޮކްޓަރު ހިމެނެއެވެ. އެ ޑޮކްޓަރަކީ ކޮވިޑް-19 ޖެހިގެން މަރުވި އެންމެ ޒުވާން އެކަކެވެ.

އޭނާ މަރުވުމުގެ ކުރިން ދިޔައީ ކައިވެނީގެ ހަފްލާ ބޭއްވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެހެންނަމަވެސް އޭނާ އެ ކައިވެނި ފަސްކޮށް، ބަލި މީހުންގެ ހިދުމަތަށް ނުކުތެވެ.

ޑރ. ޕެންގް ޔިންހުއާ ނަމަކަށް ކިޔާ އެ ޒުވާން ޑޮކްޓަރު، ދިޔައީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދެމުންދިޔަ ޕީޕަލްސް ނަމްބަރު 1 ހޮސްޕިޓާލްގައި މަސައްކަތް ކުރަމުންނެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޑރ. ޕެންގް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ މިދިޔަ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާއަށް ފަހުން ފަރުވާދެމުން ދިޔައީ ވުހާން ޖިންޔިންތަން ހޮސްޕިޓަލްގައެވެ. އޭނާ މަރުވީ އެ ވައިރަސްގެ ސަބަބުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 9:50 ހާއިރުއެވެ.

އެ ޑޮކްޓަރަކީ ރެޕްސްޕިރެޓަރީ އެންޑް ކްރިޓިކަލް އިލްނެސްއަށް ހާއްސަ ޑޮކްޓަރެކެވެ. ޗައިނީސް ނިއު އިޔާ ޗުއްޓީގައި ކައިވެނި ކުރުމަށް އޭނާ ތައްޔާރުވަމުންދަނިކޮށް، ދިމާވި، މި ބޮޑު ބަލީގެ ސަބަބުން އޭނާ ކައިވެނި ފަސްކޮށް، ހުރީ ޗައިނާ ރައްޔިތުންގެ ހިދުމަތުގައެވެ.

"ޕެންއަށް އޭނާގެ ކައިވެނީގެ ކާޑުތައް ބަހަންވެސް ފުރުސަތެއް ނުލިބޭ، އެ ކާޑުތައް އަދިވެސް ހުރީ އޭނާގެ އޮފީހުގެ ކަބަޑުގައި". ޒިންހުއާ ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކޮވިޑް 19 ޖެހިގެން މިހާތަނަށް މެޑިކަލް ދާއިރާގައި މަސައްކަތް ކުރަމުންދިޔަ އަށް މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު