ދެކުނު ކޮރެއާގައި ކޮވިޑް19 ވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދާތީ، އެގައުމުގައި ސިއްހީ ކުއްލި ހާލަތު އިއުލާނު ކޮށްފިއެވެ.

ދެކުނު ކޮރެއާއިން މިއަދު މިހާތަނަށް ވަނީ 168 މީހަކު ކޮވިޑް 19 ޕޮޒިޓީވްވެފައެވެ. އަދި މިހާތަނަށް 602 މީހުންނަށް ބަލި ޖެހި ފަސް މީހަކު ވަނީ މަރުވެފައެވެ.

ދެކުނު ކޮރެއާގައި މި ބަލި ކުއްލިއަކަށް ފެތުރެން ފެށީ ފާއިތުވި ހަތަރު ދުވަސް ތެރޭގައެވެ.

އެ ގައުމުގެ ރައީސް މޫން ޖައި-އިން ވިދާޅުވީ، ކޮވިޑް 19 އާއި ގުޅިގެން މިހާރަށްވުރެ ސަރުކާރުން އެލާޓްލެވެލް މަތިކޮށް، އެ ބައްޔާއި ގުޅިގެން އެޅެން ހުރި އެންމެ މައްޗަކަށް ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ޗައިނާ ފިޔަވައި ދެން އެންމެ ގިނައިން ކޮވިޑް-19 ފެނިފައި ވަނީ ދެކުނު ކޮރެއާ އިންނެވެ.

ދެކުނު ކޮރެއާގެ ބޮޑުވަޒީރު ޗަންގް ސޭ-ކިއުން އިއްޔެ ސިއްހީ ދާއިރާގެ އިސް އޮފިޝަލުންނާއި ބައްދަލު ކުރައްވާ ވިދާޅުވީ ދެކުނު ކޮރެއާ ސަރުކާރުން މިހާތަނަށް އެންމެ ބޮޑު އިސްކަމެއް ދެމުން އައީ އެގައުމަށް ވައިރަސް އެތެރެވުން ހުއްޓުވަން ކަމަށާއި ނަމަވެސް މިހާރު އެންމެ ބޮޑަށް ވިސްނަނީ ގައުމުގެ އެތެރޭގައި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް ކަމަށެވެ.

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2460 އަށް އަރާފައެވެ. އޭގެ ތެރެއިން 2442 މީހުން މަރުވީ ޗައިނާގައެވެ. ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވަނީ 19 މީހަކު މަރުވެފައެވެ.