ޗައިނާގެ ވޫހާންގައި ކޮވިޑް 19 ޖެހިގެން، އިތުރު ޑޮކްޓަރަކު މަރުވެއްޖެއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާގޮތުގައި، ފަހުން މަރުވެފައި ވަނީ ޗައިނާގެ ވޫހާން ޒިއެހެ ޖިއާންގްބެއި ހޮސްޕިޓަލުގައި، ގޭސްޓްރޮއެންޓެރޮލޮޖީ ޑިޕާޓްނެބްޓްގައި މަސައްކަތް ކުރި ޒިއާ ސިސީއެވެ. އޭނާ މަރުވިއިރު، އުމުރަކީ 29 އަހަރެވެ.

އޭނާ މަރުވީ މިއަދު ހެދުނު 06:30ގައި ޒޮންގްނާން ހޮސްޕިޓަލްގައެވެ. ޒިއާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުން ކުރި މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ޒިއާ މަރުވުމަކީ ލިބުނު ހިތާމައެއް ކަމަށާއި، މި ދަނޑިވަޅުގައި އާއިލާ އަށް ކެއްތެރިކަން ލިބުން އެދޭ ކަމަށް ބުނެފައެވެ/

އޭނާ އެންމެ ފުރަތަަމަ އެޑްމިޓް ކުރީ އޭނާ މަސައްކަތްކުރަމުން އައި ހޮސްޕިޓަލުގައެވެ. އޭގެ ފަހުން އޭނާ ޒޮންގްނާން ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފެށީ އޭނާގެ ހާލު ގޯސްވުމާއި ގުޅިގެންނެވެ.

ބުރާސްފަތި ދުވަހު ވޫހާންގައި 29 އަހަރުގެ ޕެންގް ޔިންހުއާ ކިޔާ ޑޮކްޓަރެއް ވަނީ މަރުވެފައެވެ.

އޭނާ މަރުވުމުގެ ކުރިން ދިޔައީ ކައިވެނީގެ ހަފްލާ ބޭއްވުމަށްޓަކައި އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެހެންނަމަވެސް އޭނާ އެ ކައިވެނި ފަސްކޮށް، ބަލި މީހުންގެ ހިދުމަތަށް ނުކުތެވެ.

އޭނާގެ ކުރިން ކޮވިޑް19 ފެތުރިދާނެ ކަމުގެ އިންޒާރުދިން ޑޮކްޓަރުވެސް ވަނީ މަރުވެފައެވެ.

ކޮވިޑް 19 ޖެހިގެން މިހާތަނަށް މެޑިކަލް ދާއިރާގައި މަސައްކަތް ކުރަމުންދިޔަ 10 މީހަކު ވަނީ މަރުވެފައެވެ. ޗައިނާގެ އޮފިޝަލުން ބުނީ، މި ވައިރަސް ޖެހިގެން ޗައިނާގެ 3000 ހޮސްޕިޓަލް ސްޓާފުންނަށް ފަރުވާދެމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު