މިހާެރު ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ކުވެއިތް އާއި ބަހްރައިން އިން ފެނިއްޖެއެވެ.

ބަހްރެއިންގެ ހެލްތް މިނިސްޓްރީން ބުނީ، ކޮވިޑް19 ފެނިފައި ވަނީ އީރާނުން އެ ގައުމަށް އައި އެ ގައުމުގެ މީހެއްގެ ގައިން ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑުން އެ ބަލި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރުމުން ޓެސްޓު ހެދުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

އަދި މިހާރު އެ މީހާ އެބްރަހީމް ޚަލީލް ކަނޫ މެޑިކަލް ސެންޓަރަށް މިހާރު ގެންގޮސް ޓެސްޓުތައް ހަދައި، އޭނާއަށް ފަރުވާދެމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، އިތުރު ފިޔަވަޅެއްގެ ގޮތުން މި ބަލި ފެތުރެމުން އަންނަ ގައުމުތަކުން ބަހްރެއިންއަށް އެތެރެވާ ފާރާތްތަކަށް މޮނިޓަރ ކުރުމުގެ ކަންކަން ވެސް ކުރިއަށްގެންދާނެ ކަމަށް ބުނެފައި ވެއެވެ.

ކުވައިތަށް ބަލާއިރު، އެ ގައުމުން ތިން މީހަކަށް ކޮވިޑް 19 ޖެހިފައިވާކަމަށް އެ ގައުމުގެ ނޫސް އެޖެންސީ ކުނާ އިން ވަނީ ރިޕޯޓްކޮށްފައެވެ. އެއީ އީރާނުން އެ ގައުމަށް އައި ތިން މީހަކު ކަމަށް އޭގައި ވެއެވެ.

މީގެ ތެރޭގައި ހިމެނޭ އެކަކީ ކުވައިތަށް ނިސްބަތްވާ 53 އަހަރުގެ މީހެއް ކަމަށާއި، ދެވަނަ މީހާއަކީ ސައުދީއަށް ނިސްބަތްވާ 61 އަހަރުގެ މީހެއް ކަމަށް ބުނެފައި ވެއެވެ. އަދި ތިން ވަނަ މީހާއަކީ ޒުވާން ފިރިހެނެއް ކަމަށާއި، އޭނާގެ ގައުމު އަދި އެނގިފައި ނުވާ ކަމަށް އެ ނޫހުގައި ވެއެވެ.

ކޮވިޑް 19 ބައެއް ގައުމުތަކުގައި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މީގެ ތެރެއިން ގިނަ ބަޔަކު މަރުވަމުން ދަނީ ޗައިނާގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެހޯތޯ

    މިސްރާބު ހުރީ ޕެންޑެމިކް އާއި ދިމާއްށް! ވަގުތު އޮއްވާ އެކްޝަން ނުނަގައިފިނަމަ ނަތީޖާ ވަރަށް ހިތިވެދާނެ! ޢާދަ ކާދަ ބަދަލު ކުރުމާއި ސާފުތާހިރު މާހައުލެއް ގާއިމުކުރުން ސަޕްލައި ސްޓޮކް އިތުރު ކުރުން އިގްތިސާދީ ފިޔަވަޅުތަށް ގާއިމުކުރުން ފަރުވާދޭނެ ނިޒާމް އިތުރު ކޮށް ހިފާގެންގުލޭސާމާނު ތައްޔާރުކުރުން.މީހުން ތަމްރީނުކުރުން މިހިރަ ކަންކަން ދުރާލާ ކުރުން މުހިއްމު!