ކޮވިޑް19 ޖެހިގެން އީރާން އާއި އިޓަލީން އިތުރު ބަޔަކު މަރުވެއްޖެ އެވެ.

މި ބަލި ޖެހިގެން އީރާނުން ފަހުން މަރުވެފައި ވަނީ ހަތަރު މީހުންނެވެ. އެއާއެކު އެ ގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައެވެ. އަދި އެ ގައުމުން ކޮވިޑް 19 ޖެހުނު މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ.

ކޮވިޑް19 ޖެހިގެން އީރާނުން މަރުވާ މީހުންގެ ރޭޓް ދަނީ މައްޗަށެވެ. އެގޮތުން މިހާތަނަށް މި ބަލި ޖެހުނު 19.67% މީހުން ވަނީ މަރުވެފައެވެ.

އީރާނުގައި އެކު ކޮވިޑް-19 މިހާރު ފެތުރެމުން ދާތީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

އިޓަލީއަށް ބަލާއިރު، އެ ގައުމުން ކޮވިޑް 19 ޖެހިގެން ފަހުން އެކަކު މަރުވުމާއެކު، އެ ގައުމުން މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ.. މިއަދު އެކަނި އިޓަލީން މި ބަލި ޖެހިގެން ދެ މީހަކު މަރުވެފައި ވެއެވެ. އެއީ 84 އަހަރުގެ ފިރިހެނަކާއި، 88 އަހަރުގެ ފިރިހެނެކެވެ.

އެ ގައުމުގައި ކޮވިޑް19 ފެތުރެމުން އަންނާތީ ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ. އަދި އާއްމުން އެއްވެ އުޅޭ ކަހަލަ އިވެންޓްތައް ނުބޭއްވުމަށް ވަނީ އަންގާފައެވެ.

އިޓަލީގައި މި ބަލި ޖެހުނު މީހުންގެ އަދަދު 200 އަށް ވަނީ އަރާފައެވެ.