ޗައިނާގައި ކޮވިޑް-19 ޖެހުނު އެންމެ ހަގު ކުއްޖާ އެއްވެސް ބޭހެއް ނުދެނީސް 17 ދުވަސް ފަހުން ރަނގަޅު ވެއްޖެއެވެ.

ޗައިނާގެ ވޫހާންގައި އުފަންވި އަންހެން ކުއްޖާ އަށް ބަލި ޖެހުނީ ކުއްޖާގެ މަންމަގެ ގައިންނެވެ. ކުއްޖާ ވިހޭއިރު މަންމަ އަށް އޮތީ ކޮވިޑް-19 ޖެހިފައެވެ.

ހުކުރު ދުވަހު މިކުއްޖާ އެއްކޮށް ބަލިން ރަނގަޅު ވެފައިވާ ކަމަށް ޗައިނާގެ އޮފިޝަލުންނާއި ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

އޮފިޝަލުން ބުނީ ކުއްޖާ އުފަންވި ދުވަހު ވޫހާން ޗިލްޑްރެންސް ހޮސްޕިޓަލަށް ކުއްޖާ ބަދަލު ކުރި ކަމަށާއި ކުއްޖާ އަށް ވައިރަސްގެ އަސަރު ކޮށްފައިވާކަން އެނގުނީ އެހޮސްޕިޓަލަށް ބަދަލު ކުރި ފަހުން ކަމަށެވެ. ޑޮކްޓަރުން ލަފާކުރަނީ ކުއްޖާއަށް ވައިރަސްގެ އަސަރު ކުރީ މަންމަގެ ބަނޑުގައި އޮއްވާ ކަމަށެވެ.

ކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އެއްވެސް ބޭހެއް ނުދޭން ޑޮކްޓަރުން ނިންމީ އެކުއްޖާގެ ގައިން ބަލީގެ އަލާމާތް ނުފެނުމުންނެވެ. އެހެންކަމުން ހާއްސަ ބޭހެއް ދިނުމުގެ ބަދަލުގައި ޑޮކްޓަރުން ގެންދިޔައީ ގަވައިދުން އެކުއްޖާގެ ހާލަތު އިތުރަށް ގޯސްވޭތޯ ބަލަމުންނެވެ.

ކުއްޖާ އަށް ފަރުވާ ދިން ޑޮކްޓަރުން ބުނީ ނޭވާލާން އުނދަގޫވުން ފިޔަވައި އިތުރު ކަމެއް ކުއްޖާގެ ގައިން ފާހަގަ ނުކުރެވޭ ކަމަށެވެ. ކޮވިޑް-19 ޖެހުމުން އާއްމު ގޮތެއްގައި ކެއްސާ ގަދައަށް ހުން އައި ނަމަވެސް މިކުއްޖާ އަށް އެފަދަ ކަމެއް ދިމައެއް ނުވެއެވެ.

ހުކުރު ދުވަހު ހެދި ތިން ޓެސްޓުން ވެސް އެކުއްޖާ ކޮވިޑް-19 އަށް ނެގެޓިވް ވުމުން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ. މިއީ ބަލިން ރަނގަޅުވި އެންމެ ހަގު ކުއްޖާ އެވެ. ބަލިން ރަނގަޅުވި އެންމެ ދޮށީ މީހަކީ 96 އަހަރުގެ އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކީކޭ ބުނާނީ

    الله أكبر.

    9
    1
  2. ބުނާ

    އެމީހުން ކިޔެވީ ގުނޫތު

  3. Anonymous

    ﷲގެ ކުޅަދުންވަންތަ ކަމުގެ ބޮޑު ކަމާއެވެ.

    4
    1
  4. Anonymous

    ޢެއްވެސް ޖަރާސީމަކަށްވެސް ﷲގެ އަމުރުފުޅު ފަހަނައަޅާ ނުދެވޭނެ ކަން އެގޭނޫންހެއްޔެވެ

    3
    1
  5. Anonymous

    ޅޮލުރޯގާ ޖެހިއްޖެނަމަ ޒަމްޒަމް ފެނުން މޫނު ދޮވެލަބަލަ ﷲގެ އިޒުނަފުޅާއެކީ ވަގުތުން ލުއިކަން އިހުސާސް ކުރެވޭނެ

    1
    2
    • ޣަނީ