އިންޑިއާ އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޒިޔާރަތް ކުރުމުން ޓްރަމްޕަށް ހޫނު މަރުޙަބާ އެެއް ކިޔަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އުޅުނުއިރު އެ ގައުމުގެ މުސްލިމުނަ ދަނީ އަދިވެސް އެމީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ހަޅުތާޅުތައް ކުރަމުންނެވެ.

އިންޑިއާ އިން މިދިޔަ އަހަރު ތެރޭގައި މުސްލިމުންނާޢި ދެކޮޅަށް ފާސްކުރި ގާނޫނާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް އަދިވެސް މުޒާހަރާތައް ކުރިއަށްދާއިރު ޓަރަމްޕުގެ ޒިޔާރަތާއި ދިމާކޮށް މުޒަހަރާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

މިގޮތުން އެގައުމުގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުންނާއި ހިންދޫ އިންނާއި ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު، ހަމަނުޖެހުންތަކުގަައި ޖުމްލަ 11 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. މީގެ ތެރޭގައި ފުލުހަކުވެސް ހިމެނެއެވެ.

އިންޑިއާ އަށް ކުރި ރަސްމީ ދަތުރު ނިންމާލައި ޓްރަމްޕް މިއަދު އެމެރިކާ އަށް ފުރުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައި ވަނީ މޯދީ އާއި އެކު އިންޑިއާ މުސްލިމުންގެ ވާހަކަވެސް މަޝްވަރާ ކުރި ކަމަށާއި މޯދީ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ތައުރީފް ކުރާ ކަމަށެވެ.

”މޯދީ ބުނެފައި ވަނީ އިންޑިއާގެ މުސްލިމުންނާއި އެކު ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށް.“ ޓަރަމްޕް ބުނެފައިވެއެވެ..”

މޯދީ ޓްރަމްޕް ކައިރީ މިހެން ބުނި ނަމަވެސް މޯދީ އަންނަނީ ފާޅުގައި މުސްލިމުންނަށް ފިއްތުންތައް ކުރިމަތި ކުރުވައި އެ ގައުމުން މުސްލިމުން ނައްތާލަން މަސައްކަތް ކުރަމުންނެވެ. އަދި މުސްލިމުންނާއި ދެކޮޅަށް ފާސްކޮށްފައިވާ ގާނޫނު އުވާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން މޯދީގެ ސަރުކާރުން ވަނީ އެތައް ފަހަރެއްގެ މަތިން އެކި ގޮތްގޮތަށް ހާމަކޮށްފައެވެ.