ކޮވިޑް-19 އިއްޔެ ޖެހުނު މީހުންގެ އަދަދު ޗައިނާ އިން ހާމަކުރިއިރު ހުބެއި ޕްރޮވިންސް ފިޔަވައި ޗައިނާގެ އެހެން ސަރަހައްދުތަކުން ބަލި ޖެހުނީ އެންމެ ފަސް މީހުންނަށް ކަމަށް ދައްކައިފިއެވެ. މިއީ ޗައިނާގައި ބަލި ކޮންޓްރޯލް ވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.

ނަމަވެސް ހުބެއީ ޕްރޮވިންސުން އިއްޔެ ވަނީ އިތުރު 406 ކޭސް ރިޕޯޓް ކޮށްފައެވެ. އިއްޔެ ހުބެއީ އިން 52 މީހަކު މަރުވިއެވެ. މިއީ ވެސް އެހެން ދުވަސް ދުވަހު މަރުވެފައިވާ މީހުންގެ އަދަދާއި ބަލާއިރު ވަރަށް މަދު އަދަދެކެވެ. އިއްޔެ ހުބެއީ ޕްރޮވިންސް ފިޔަވައި އެހެން ޕްރޮވިންސަކުން މީހަކު މަރުވެފައެއް ނުވެއެވެ.

ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 3000 ކައިރި ކޮށްފައެވެ. ޗައިނާ އިން މިހާތަނަށް 70064 މީހުން ބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު ދުނިޔެ އިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 80970 އަށް އަރައެވެ.

ޗައިނާ ފިޔަވައި އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދު ވަނީ 48 އަށް އަރާފައެވެ.

އިޓަލީވިލާތުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 322 އަށް އަރާފައެވެ. 11 މީހުން މަރުވެފައި ވާއިރު ލައްކައަކަށް ވުރެ ގިނަ މީހުން އަވަށުން ބޭރަށް ނިކުތުން މަނާކޮށް ކަރަންޓީން ކޮށްފައި ވެއެވެ. އިޓަލީވިލާތުގެ އަވައްޓެރި ގައުމުތައް ކަމަށްވާ ސްޕޭނާއި ފްރާންސުން ވަނީ މިހާރު ގިނަ ބަޔަކަށް ވައިރަސް ޖެހިފައެވެ. އަދި އެސަރަހައްދުން އޮސްޓްރިއާ، ސްވިޒަލޭންޑް، ކްރޮއޭޝިއާ އިން ވެސް މިހާރު ވަނީ ބަލި ފެނިފައެވެ.

އީރާނުން ބަލި ޖެހުނު މީހުންގެ އަދަދު 96 އަށް އަރާފައި ވާއިރު 15 މީހަކު ވަނީ މަރުވެފައެވެ. ކުވެތު، ބަހްރޭން، އަލްޖީރިއާ އަދި ލުބުނާނުން ވެސް މިހާރު ވަނީ ބަލި ފެނިފައެވެ.

ދެކުނު ކޮރެއާ އިން އިތުރު 169 މީހުން ބައްޔަށް ޕޮޒިޓިވް ވުމާއި އެކު ބަލި ޖެހުނު މީހުންގެ ޖުމްލަ މިހާރު ވަނީ 1146 އަށް އަރާފައެވެ.

މިހާރު ބަލި ފެތުރެމުންދާ ގޮތައް ބަލާއިރު ޔޫރަޕާއި މެދުއިރުމަތި އަދި އެފްރިކާ އަށް އިތުރަށް ބަލި ވަރަށް ބޮޑަށް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ކިޔުންތެރިންގެ ހިޔާލު