އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޓެސްޓް ވަގުތުން ހުއްޓާލައްވަން ނިންމަވާފައިވާކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮން އުން އިއުލާނުކުރައްވައިފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތައުރީފުގެ ބަސްތައް ކިމްއަށް ވަނީ އަމާޒުވާން ފަށާފައެވެ.

ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުނީ ޕިޔޯންގްޔަންގއިން ވަނީ އިގްތިސާދީ ކުރިއެރުމާއި ސަރަހައްދުގެ ސުލްހައަށްޓަކައި ނިއުކްލިއަރޓެސްޓް ސައިޓްތައްވެސް ބަންދުކުރަން ނިންމާފައިވާކަމަށެވެ.

ދެކޮރެއާ ގުޅޭ ކޮރެއަން ޕެނިންސިއުލާގެ މަސްރަހު މި ނިންމުގެ ސަބަބުން ފިނިވާން ފަށާފައިވާއިރު އަންނަ ހަފްތަގާއި ދެކުނުކޮރެއާއާއި އުތުރު ކޮރެއާއާއި ދެމެދު ވާހަކަތައް އަންނަ ހަފްތާގައި ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އުތުރު ކޮރެއާއިންވަނީ ނިއުކްލިއަރ ޓެސްޓާއި ދެކޮޅަށް ހިންގާ ބައިނަލްއަގްވާމީ ހަރަކާތްތަކާއި ގުޅުމަށް ނިންމައި އެ ގައުމަށް ނިއުކްލިއަތް ހަތިޔާރެއްގެ ބިރުވެރިކަން ނެތް ހިނދެއްގައި ނިއުކްލިއަރ ހަތިޔާރު އެއްވެސް ގޮތަކަށް ބޭނުން ނުކުރުމަށް ވައުދުވެފައެވެ.

ވެރިކަން ކުރާ ޕާޓީގެ ސެންޓްރަލް ކޮމިޓީގައި ވާހަކަދައްކަވަމުން ކިމް ވިދާޅުވީ "ދެން އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ ނިއުކްލިއަރ ޓެސްޓް ނޫނީ މެދުރާސްތާ އަދި އެއްބައްރުން އަނެއް ބައްރަށް ފޮނުވާލެވޭ މިސައިލްތައް ޓެސްޓްކުރާކަށް، އެއާއިއެކު މިހާރު އުތުރުގެ ނިއުކްލިއަރ ޓެސްޓް ސައިޓްތަކުގެ މިޝަން ވަނީ ނިމިފައި" ކިމް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިންއާއިއެކު ބާއްވާ ބައްދަލުވުން މި މަހުގެ ފަހުކޮޅު ދެ ގައުމުގެ ސަރަހައްދީ ރޮނގުގައި އޮންނެއެވެ. އަދި އަންނަ މަހު ނުވަތަ ޖޫން މަހުގެ ތެރޭގައި ރައީސް ޑޮނަލްޑް ޓްރަމްޕް އާއިއެކު އުތުރު ކޮރެއާގެ ލީޑަގެ ބައްދަލުވުން ބާއްވަވާނެއެވެ.

ދެ ކޮރެއާގެ ލީޑަރުން އަންނަ ހަފްތާގައި ބައްދަލުކުރާއިރު މިއީ 2007 ވަނައަހަރަށްފަހު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޮއްބެ

    ލީބިޔާގައި ކަންހިނގާދިޔަގޮތާމެދު ވިސްނާލުން ރަނގަޅުވާނެ އިނގޭ ކިމްބޭ....!!!

  2. ޕީޖޭ

    މިއީ ރަސިޔާގެ ބާރުކަނޑާލަން އެމެރިކާ އެޅިފިޔަވަޅެއް ކަމަށް ބެލެވޭ، ރަސިޔާ، ޗައިނާ،އިރާން އަދި ޝިއައީ މުސްލިމުން މީއެކަތި، ޔޫއެސް،އިންޑިިއާ، ޖަޕާން، ސައުދީ ފްރާންސް ސައުތު ކޮރެއާ އިންގްލަންޑް އަދި ސުންނީން ގިނަ މުސްލިމު ގަވްމުތައް މީ އަނެއްބައި، ހަގީގަތަކީ ދުނިޔޭގައި އަދި ވެސް ހަގުރާމަ މިކުރަނީ ޔޫއެސް އެންޑް ރަޝިޔާ..ހުރިހާވެސް އެއްޗަކީ ފައިސާ..މިހާރު ސުންނީ ގަވްމުތައް ހަލާކުކޮށްފަ ޝިއައީން ނާއި ފެށީ، މިހުރިހާކަމެއް އަޑީގައި އިސްރާއީލް،