ކޮންމެ ހުކުރު ދުވަހަކު ފަލަސްތީނު ރައްޔިތުން ކުރަމުންދާ މުޒާހަރާ އިއްޔެވެސް ޣައްޒާގެ ސަރަހައްދީ ރޮނގު ސަރަހައްދުގައި ކުރިޔަށް ގެންދަނިކޮށް އިސްރާއީލު ސިފައިން މުޒާހަރާގެ ތެރެއަށް ބަޑިޖަހައި ފަލަސްތީނު 4 ރައްޔިތަކު ޝަހީދު ކޮށްލައިފިއެވެ.

އިއްޔެހެ މުޒާހަރާގައި އިސްރާއީލު ސިފައިން ބަޑި ޖަހައި ޝަހީދުކޮށްލާފައިވަނީ 25 އަހަރުގެ އަހުމަދު އަބޫ އާގިލް ކިޔާ ޒުވާނެއްގެ އިތުރުން އުމުރުން 15 އަހަރުގެ ކުއްޖަކާއި އިތުރު 2 މީހެއްކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ޣައްޒާގެ ދެކުނުގައިވާ އިސްރާއީލާއި ފަލަސްތީނު ގުޅޭ ބޯޑަރު ކައިރީގައި "ގްރޭޓް މާޗް އޮފް ރިޓާންސް" ގެ ނަމުގައި ކުރިޔަށް ގެންދާ މުޒާހަރާތަކަށް މިއަދަކީ ހަތަރުވަނަ ހަފުތާއެވެ. އިއްޔެ މުޒާހަރާގައި ވަނީ 156 މީހުން ޒަހަމު ވެފައެވެ.

ޝަހީދު ކޮށްލި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 34 އަރައިފައިވާއިރު ފަލަސްތީނުގެ ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މުޒާހަރާގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 4,000 އަށް އަރާފައެވެ. އަދި 79 މީހަކު ވަނީ ސީރިއަސް ހާލަތުގައިއެވެ.

މުޒާހަރާ ރޫޅާލުމަށް ބަޑި ޖެހުމުގެ އިތުރުން މުޒާހަރާ ރޫޅާލަން އިސްރާއީލް ސިފައިން ވަނީ ގިނަ އަދަދަކަށް ކަރުނަގޭސް ވެސް ޖަހާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނަމުންދަނީ، މި މުޒާހަރާއަކީ ފެންސު ފަޅާލާފައި އިސްރާއީލުގެ ތެރެއަށް ހަނގުރާމަވެރިން ވަނުމަށް ނުވަތަ އިސްރާއީލަށް ހަމަލާތައް ދިނުމަށް ފަރުދާއަކަށް ކުރަމުންދާ ކަމެއް ކަމަށެވެ.

ފަލަސްތީނު ރައްޔިތުން މުޒާހަރާ ކުރަމުން ދަނީ އަމިއްލަ ގެދޮރުން ނެރެ ރެފިއުޖީންނަށް ހަދާފައިވާ ފަލަސްތީން ރައްޔިތުންނަށް އެނބުރި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތް ހަދައިދިނުމަށް ގޮވާލައެވެ. އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާ ކުރިއަށް ގެންދިޔައީ ޣައްޒާ ގައެވެ.