ޕާކިސްތާނުން ކޮވިޑް-19 ފެނިއްޖެއެވެ.

ޕާކިސްތާން ސަރުކާރުން ދެންމެ ވަނީ އެގައުމުން ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން ކަށަވަރު ކޮށްދެއްވާފައެވެ.

މިއީ ކޮވިޑް-19 ފެނުނު ދެކުނު އޭޝިއާގެ ހަތަރު ވަނަ ގައުމެވެ. މީގެ ކުރިން އިންޑިއާ އާއި ސްރީލަންކާ އަދި ނޭޕާލް އިން ވެސް ބަލި ވަނީ ފެނިފައެވެ. ނަމަވެސް އެހުރިހާ ގައުމަކުން ވެސް ބައްޔަށް ޕޮޒިޓިވްވި މީހުން މިހާރު ވަނީ ރަނގަޅު ވެފައެވެ.

ޕާކިސްތާން ބޮޑުވަޒީރުގެ ސްޕެޝަލް އެސިސްޓެންޓް އޮން ހެލްތު ޑރ.ޒަފަރް މިރްޒާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އަމަލު ކުރަން ޖެހޭ އުސޫލުތަކުގެ މަތިން އެމީހުންނާއި މެދު އަމަލު ކުރަމުންދާ ކަމަށެވެ. ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަންބޮޑުވެ ހާސްވާކަށް ނުޖެހޭ. ހުރިހާ ކަމެއް ވެސް އޮތީ ކޮންޓްރޯލް ކުރެވިފައި." ޒަފަރް ވިދާޅުވިއެވެ.

ޕާކިސްތާނުން ކޮވިޑް-19 އަށް ޕޮޒިޓިވްވި އެކަކީ އުމުރުން 22 އަހަރުގެ ޒުވާން ފިރިހެނެކެވެ. އޭނާ އަކީ ދާދިފަހުން އީރާންގެ ވެރިރަށް ތެހެރާނުން ކަރާޗީ އަށް އައި މީހެކެވެ. އޭނާ ވަނީ ކަރާޗީގައި ބަހެއްގައި ވެސް ދަތުރު ކޮށްފައެވެ. އެހެންވެ އިތުރު ބަޔަކާއި ބައްދަލުވެފައި ވާނެކަން ކަށަވަރު ކުރެވެއެވެ.

ޕާކިސްތާނުން ކޮވިޑް-19 ފެނުނު އިރު އީރާނާއި ޕާކިސްތާން ގުޅޭ ސަރަހައްދީ އިން މިހާރު ވަނީ ބަންދުކޮށްފައެވެ.

އީރާނުން، އެގައުމާއި އަވައްޓެރި ގިނަ ގައުމުތަކަށް މިހާރު ވެސް ވަނީ ބަލި ފެތުރިފައެވެ. މެދުއިރުމައްޗާއި ދެކުނު އޭޝިއާ އަދި އެފްރިކާއަށް ކޮވިޑް-19 ފެތުރެން ފަށައިފިނަމަ އެތައް ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތަހުމީނާ

    ކޮބާ މިހާރު އިސްލާމީ ގައުމުތަކަށް ވެސް މިބަލި އެރީ

    2
    3
    • ހަސަން

      އަޖާބުވާކަށް ނުޖެހޭ. މުސްލިމުންނަށް ކުރިމަތިވާ ކަންކަން އެއީ އިމްތިޙާން. ނުވަތަ އެބައިމީހުންގެ އަމިއްލަ އަތްތަކުން ހޯދާގަތް ނުބައި ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ޙާލަތެއް. ޗައިނާގެ ނިކަމެތި މުސްލިމުންގެ ޙައްޤުގައި އިސްލާމީ ވެރީންނޭ ކިޔާ މީހުން ދެެއްކީ ކޮން ވާހަކައެއް؟