ނޯވޭ އިން ކޮވިޑް-19 ފެނިއްޖެ އެވެ. މިއީ ކޮވިޑް 19 ފެނުނު ހަތް ވަނަ ގައުމެވެ.

ނޯވޭގެ ޕަބްލިކް ހެލްތް އެޖެންސީން ބުނީ، އެ ގައުމުން އެކަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އޭނާ މިހާރު ހުރީ ގޭގައި އައިސޮލޭޓްކޮށްފައި ކަމަށެވެ.

އެމީހާއަކީ ޗައިނާއިން މިދިޔަ ހަފްތާ ތެރޭގައި އެގައުމަށް އައި މީހެއް ކަަމަށް ނޯވޭގެ ޕަބްލިކް ހެލްތުން ބުނެއެވެ.

އެ އެޖެންސީން ބުނީ، އޭނާ ނޯވޭއަށް އައިއިރު ހުރީ ބަލިކޮށް ނޫން ކަމަށާއި، އޭނާގެ ކިބައިން ބަލީގެ އަލާމާތެއް ވެސް ނުފެންނަ ކަމަށެވެ.

"އޭނާ ހުރީ ބަލިކޮށެއް ނޫން. އޭނާގެ ހާލު ރަނގަޅު. ބަލީގެ އެއްވެސް އަލާމާތެއް ވެސް އޭނާގެ ގައިން ނުފެނޭ. އޭނާ ޓެސްޓް ކުރީ ޗައިނާ އިން އަންނަ މީހުން ރެންޑަމްކޮށް ޓެސްޓް ކުރަމުން ގެންދާތީ އެއުސޫލުން." ނޯވޭ ޕަބްލިކް ހެލްތު އިން ބުންޏެވެ.

ނޯވޭ ސަރުކާރުން ބުނީ ބަލި ފެތުރިފައިވާ ގައުމަކަށް ޒިޔާރަތް ކުރާ މީހުން އަމިއްލައަށް އައިސޮލޭޓް ވެގެން ތިބުން މުހިއްމު ކަމަށާއި ބަލީގެ އަލާމާތްތައް ނުފެނި ވެސް ބަލި އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ފެތުރެމުންދާ ކަމަށެވެ.

"ހުރިހާ އެންމެން ސްކްރީން ކުރުމަކީ ނުވަތަ ޓެސްޓް ކުރުމަކީ އަޅުގަނޑުމެން ރެކޮމެންޑް ކުރާ ކަމެއް ނޫން. އަދި ކުރެވޭނެ ކަމެއް ވެސް ނޫން. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ބަލި ފެތުރޭ ގައުމަކަށް ޒިޔާރަތް ކޮށްފިނަމަ ދެހަފްތާ ވަންދެން ގޭގައި މަޑުކުރުން." ހެލްތު އިންސްޓިއުޓް އިން ބުންޏެވެ.